ހަނގުރާމަ އަށް ފަހު އެމެރިކާގެ ދެ މަނަވަރެއް ފުރަތަމަ ފަހަރަށް ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށްފި
އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ފެށުނު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ފަހުން، ފުރަތަމަ ފަހަރަށް އެމެރިކާގެ އަސްކަރީ ދެ މަނަވަރެއް ހޮރްމޫޒް ކަނޑުއޮޅިން ރައްކާތެރިކަމާއެކު މިއަދު ދަތުރުކޮށްފި އެވެ.
ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެމެރިކާގެ ކަނޑުގެ ސިފައިންގެ 'ގައިޑެޑް-މިސައިލް ޑިސްޓްރޯޔާ' ދަރަޖައިގެ މި ދެ މަނަވަރު ކަނޑުއޮޅި ހުރަސްކުރިއިރު އެއްވެސް ނުރައްކަލަކާ ކުރިމަތިވެފައެއް ނުވެ އެވެ. މި ދަތުރާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާއިން މިހާރު ދަނީ އެ ކަނޑުއޮޅީގައި އީރާނުން އަޅާފައިވާ ކަނޑު މައިނުތައް ނައްތާލައި ސާފުކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
ޓްރަމްޕްގެ 'ޓްރުތް ސޯޝަލް' ޕްލެޓްފޯމްގައި އޭނާ ވިދާޅުވެފައިވަނީ، މި މަސައްކަތަކީ އަމިއްލައަށް އެކަން ކުރުމުގެ ގާބިލްކަން ނެތް ޗައިނާ، ޖަޕާން އަދި ފްރާންސް ފަދަ ގައުމުތަކުގެ އިގްތިސާދީ މަސްލަހަތަށްޓަކައި އެމެރިކާއިން ކޮށްދޭ ބޮޑު ހެޔޮކަމެއް ކަމަށެވެ. އަދި އީރާނަށް މި ހަނގުރާމައިގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
Ads by BMLމިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި ކަނޑުއޮޅި ބަންދުކޮށްފައި އޮތުމަށްފަހު، އަލުން ހުޅުވާލުމަކީ ދާދިފަހުން އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މުހިންމު އެއް ޝަރުތެވެ. ދުނިޔޭގެ ތެލުގެ ބާޒާރަށް ނުހަނު މުހިންމު މި ސަރަހައްދުގައި އޮޕަރޭޝަންތައް ފެށި ނަމަވެސް، އަދިވެސް މައިނުތަކުގެ ނުރައްކާ އޮތްކަމަށް އެމެރިކާއިން ގަބޫލުކުރެއެވެ.
މި ހަނގުރާމައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އެމެރިކާ އާއި އީރާނުގެ މަތީ ފަންތީގެ މަންދޫބުން މިހާރު ދަނީ ޕާކިސްތާނުގައި މަޝްވަރާތައް ބާއްވަމުންނެވެ. އެމެރިކާގެ މަނަވަރުތަކުގެ މި ދަތުރަކީ އީރާނުގެ ކަމާބެހޭ ފަރާތްތަކާ ސީދާ ވާހަކަދައްކައިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ނޫން ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
Ads by MACL
