ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިއަހަރުވެސް ހައްޖުވެރިންނަށް "މައްކާ ރޫޓް"ގެ ލުއިތައް ލިބޭނެ: މިނިސްޓްރީ

މިއަހަރުވެސް ހައްޖުވެރިންނަށް "މައްކާ ރޫޓް"ގެ ލުއިތައް ލިބޭނެ: މިނިސްޓްރީ

މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް ފުރާ މީހުންނަށް، ސައުދީ އަރަބިއްޔާގެ "މައްކާ ރޫޓް އިނީޝިއޭޓިވް" ގެ ދަށުން ދަތުރުފަތުރުގެ ހާއްސަ ލުއިތަކެއް ހަމަޖެހިފައިވާކަން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

މި މަޝްރޫއުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ސައުދީ އަރަބިއްޔާގެ އެޑްވާންސް ޓީމެއް އަންނަ ހަފްތާގެ ތެރޭގައި ރާއްޖެ އައުމަށް ވަނީ ތާވަލުކުރެވިފައެވެ.

"މައްކާ ރޫޓް" އަކީ ހައްޖުވެރިން ރާއްޖެއިން ފުރުމުގެ ކުރިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތިބެގެން ސައުދީގެ އިމިގްރޭޝަން މަރުހަލާތައް ފުރިހަމަކުރެވޭނެ އިންތިޒާމެކެވެ. މީގެ ސަބަބުން ސައުދީގެ އެއާޕޯޓަށް ފޭބުމަށްފަހު އިމިގްރޭޝަން ކިއޫތަކުގައި މަޑުކުރަން ނުޖެހި، ހައްޖުވެރިންނަށް ސީދާ ހޮޓަލަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، ހައްޖުވެރިންގެ ފޮށިތަންމަތި ވެސް އެއާޕޯޓުން ސީދާ ހޮޓަލާ ހަމައަށް ގެންގޮސްދިނުމުގެ އިންތިޒާމު މި ޕްރޮގްރާމުގެ ދަށުން ހަމަޖެހިގެންދާނެއެވެ.

އާންމުގޮތެއްގައި މި ފުރުސަތު ސައުދީ ސަރުކާރުން ފަހިކޮށްދެނީ 20,000 އަށްވުރެ ގިނަ މީހުން ހައްޖަށްދާ ބޮޑެތި ގައުމުތަކަށެވެ. ނަމަވެސް، ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ ވަރުގަދަ އަދި ގާތް ގުޅުމުގެ ސަބަބުން، އަހަރަކު 1,000 މީހުން ހައްޖަށްދާ ރާއްޖެއަށް ވަނީ މި ހާއްސަ އިނާޔަތް ދީފައެވެ. ރާއްޖެއަކީ މިހާތަނަށް މި އިނީޝިއޭޓިވްގައި ބައިވެރިކުރި އަށްވަނަ ގައުމެވެ.

ސައުދީ ވިޝަން 2030 ގެ ދަށުން 2018 ވަނަ އަހަރު ފެށި މި މަޝްރޫއަކީ އެ ގައުމުގެ ހައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މިދިޔަ އަހަރުވެސް ރާއްޖޭގެ ހައްޖުވެރިންނަށް މި އިންތިޒާމުގެ ދަށުން ބޮޑެތި ލުއިފަސޭހަތަކެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.