ރައީސް މުއިއްޒު އަންނަ މަހު ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންނަ މަހުގެ ތެރޭގައި ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ލަންކާގެ މަޝްހޫރު ނޫހެއް ކަމަށްވާ "ޑެއިލީ މިރޯ" އިން ބުނެފައިވާ ގޮތުގައި، ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކޮށް، އިގްތިސާދީ އާ މަގުތަކެއް ކޮށުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. މިގޮތުން މަސްވެރިކަމުގެ ދާއިރާއިން އާ އިންވެސްޓްމަންޓުތައް ހޯދުމަށް ލަންކާގެ ފިޝަރީޒް މިނިސްޓަރާއި ރާއްޖޭގައި ހުންނަވާ ލަންކާގެ ހައި ކޮމިޝަނަރު މިހާރު ވެސް ވަނީ މުހިންމު ބައްދަލުވުންތަކެއް ބާއްވަވާފައެވެ.
އެ ބައްދަލުވުންތަކަށް ރިއާޔަތްކޮށް އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރާއްޖެއިން ލިބޭ ތާޒާ މަހުގެ ވަސީލަތްތަކާއި ލަންކާގެ ދަޅުމަސް ބަންދުކުރުމުގެ ސިނާއަތް އެއްކޮށްލައިގެން، ބައިނަލްއަގުވާމީ ބާޒާރަށް އައު އުފެއްދުންތަކެއް ތައާރަފުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ލަންކާގެ ފިޝަރީޒް މިނިސްޓްރީން ގަބޫލުކުރެއެވެ. މިއީ ދެ ގައުމުގެ މަސްވެރިކަމަށް ވެސް އިންގިލާބީ ބަދަލެއް އަތުވެދާނެ ކަމެއްގެ ގޮތުގައި އެ ގައުމުން ދެކެއެވެ.
Ads by BMLމީގެ އިތުރުން، "މޭޑް އިން ސްރީ ލަންކާ" ގެ ލޭބަލް ޖަހާފައިވާ އުފެއްދުންތައް މިހާރު ވެސް ދުބާއީ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަމުންދާއިރު، ރައީސްގެ މި ދަތުރުފުޅާއެކު ވިޔަފާރީގެ މިފަދަ މުއާމަލާތްތައް ސީދާކޮށް ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށް ވެސް ލަންކާގެ މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ.
Ads by MACL
