ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޑީޕީ ހިންގުމަށް އިރުޝާދުދޭން ނަޝީދާއި ސޯލިހު ހިމެނޭހެން ހާއްސަ ކޮމެޓީއެއް އެކުލަވާލައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދު: -- ފޮޓޯ: އަދަދު
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދު: -- ފޮޓޯ: އަދަދު

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ހިންގުން ހަރުދަނާކޮށް، ލަފާދިނުމަށްޓަކައި ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އިބްރާހީމް މުހައްމަދު ޞާލިޙް ހިމެނިވަޑައިގަންނަވާ ގޮތަށް ހާއްސަ އިންޓަރިމް ކޮމެޓީއެއް އުފެއްދުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.

މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއްގައި މިގޮތަށް ނިންމާފައިވަނީ، ޕާޓީއަށް ދާއިމީ ޗެއާޕާސަންއަކު އިންތިޚާބު ކުރެވެންދެން، މިހާރުގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އަށް ޕާޓީ ހިންގުމުގެ ކަންކަމުގައި އިރުޝާދު ދިނުމަށެވެ.

މި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

  • ކުރީގެ ރައީސް މުހައްމަދު ނަޝީދު

  • ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް

  • ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަފޫރު)

  • ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު

  • ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް

  • ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް

މި ކޮމެޓީ އެކުލަވާލާފައިވަނީ ވަގުތީ ޗެއާޕާސަން ގަފޫރު ހުށަހެޅުއްވި ގަރާރެއްގެ ދަށުންނެވެ. މި ގަރާރަށް ތާއީދު ކުރެއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އެވެ.

ވަރަށް އަވަސް އަދި ކުރު ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށްދިޔަ މި ޖަލްސާގައި، އެއްވެސް ބަހުސަކާ ނުލައި މި ނިންމުން ފާސްކޮށްފައިވަނީ 10 މިނެޓަށް ވުރެ ވެސް ކުރު ވަގުތުކޮޅެއްގެ ތެރޭގައެވެ. ޕާޓީގެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ހިމެނޭ މި ކޮމެޓީއާއެކު އެމްޑީޕީގެ ކުރިމަގުގެ ހިންގުމަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.