ރޮނާލްޑޯގެ 24 ވަނަ ލަނޑާއެކު އަލް-ނަސްރުން ތާވަލުގެ އެއްވަނައިގަ 5 ޕޮއިންޓުގެ ލީޑެއް ނަގައިފި
ސައުދީ ޕްރޯ ލީގުގައި ރޭ އަލް-އޮޚްދޫދާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް، ތާވަލުގެ އެއްވަނައިގައި އޮތް އަލް-ނަސްރުން ފަސް ޕޮއިންޓުގެ ލީޑެއް ދަމަހައްޓައިފި އެވެ. މި މެޗުގައި އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މި ސީޒަނުގައި އޭނާ ލީގުގައި ޖެހި 24 ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
މެޗުގެ 15 ވަނަ މިނެޓުގައި ރޮނާލްޑޯ އަލް-ނަސްރަށް ލީޑު ނަގައިދިނީ ކިންގްސްލީ ކޯމަން އާއި ނަވާފް ބު ވަޝްލް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އޭގެ ފަހުން، ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ޔޮއާއޯ ފީލިކްސް ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. މިއީ ފާއިތުވި ދެ މެޗުގައި ފީލިކްސް ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.
އަލް-އޮޚްދޫދުން މި މެޗުގައި ރަނގަޅަށް ކުޅެ، އަލް-ނަސްރުގެ އެޓޭކްތައް ހުއްޓުވުމަށް މަސައްކަތް ކުރިއެވެ. ވަކިން ހާއްސަކޮށް އެންޖެލޯ އާއި މާސެލޯ ބްރޮޒޮވިޗަށް ފާރަވެރިވެ، އަލް-ނަޞްރުގެ ފޯވާޑުންނަށް ފުރުސަތު ނުދިނުމަށް އެ ޓީމުން ވަނީ ވަރުގަދަ ފައިޓެއް ދީފައެވެ. ނަމަވެސް، އަލް-ނަސްރުގެ ތަޖުރިބާކާރު ކުޅުންތެރިން ވަނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފާފަ އެވެ.
Ads by BMLމެޗުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ހާދިސާއަކީ ސާޑިއޯ މާނޭ، އަލް-އޮޚްދޫދުގެ މަޓެއޯ ބޮރެލްއަށް ކުރި ނުރައްކާތެރި ޓެކްލެކެވެ. މި ޓެކްލާ ގުޅިގެން ރެފްރީ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު، މިއީ ސައުދީ ލީގުގެ ރެފްރީންގެ ފެންވަރާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި ހިނގި ކަމެކެވެ. ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ މިފަދަ ހާދިސާތައް މުރާޖައާ ކުރަމުންނެވެ.
މި މޮޅާއެކު އަލް-ނަސްރު އެއްވަނައިގައި އޮތީ 73 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އަލް-ހިލާލަށް 68 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އަލް-އަހްލީއަށް ލިބިފައިވަނީ 66 ޕޮއިންޓެވެ.
ލީގު ކާމިޔާބުކުރުމަށް ކުރާ މަސައްކަތުގައި ކުރިއަށް އޮތް އޭޕްރީލް 28 ގައި އަލް-ނަސްރުން އަލް-އަހްލީއާ ދެކޮޅަށް ނުކުންނައިރު، މޭ 7 ގައި އަލް-ހިލާލާ ދެކޮޅަށް ކުޅޭ މެޗަކީ ވަރަށް މުހިންމު މެޗަކަށް ވާނެއެވެ.
Ads by MACL
