ނޭމާ އަށް ވޯލްޑް ކަޕުން ފުރުސަތު ހޯދަން އަދި ދެ މަސް އެބައޮތް: އަންޗެލޮޓީ
ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ނޭމާ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކަށްފަހު ގައުމީ ޓީމަށް ކުޅެފައެއް ނުވެއެވެ. މިދިޔަ އަހަރު ސަންޓޯސްއާ ގުޅުމަށްފަހު ވެސް އޭނާ އަށް ވަނީ އެއް ފެންވަރެއްގައި ގަވާއިދުން މެޗުތައް ކުޅުމަށް ދަތިތަކަކާ ކުރިމަތިވެފައެވެ. މި ސަބަބަށްޓަކައި މިދިޔަ މަހު ފްރާންސާއި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުތަކަށް ނެގި ސްކޮޑުން އޭނާ އަށް ފުރުސަތު ދީފައެއް ނުވެއެވެ.
ފްރާންސް އަތުން 2-1 އިން ބްރެޒިލް ބަލިވި މެޗުގައި ސަޕޯޓަރުން ނޭމާގެ ނަމުން ގޮވާފައިވާއިރު، އޭރު އަންޗެލޮޓީ ބުނީ ސަމާލުކަން ދޭންވީ ސްކޮޑުގައި ތިބި ކުޅުންތެރިންނަށް ކަމަށެވެ. ނަމަވެސް، ފްރާންސްގެ ނޫހެއް ކަމަށްވާ ލެ އިކުއިޕޭ އަށް ދިން އިންޓަވިއުއެއްގައި އަންޗެލޮޓީ މިހާރު ވަނީ ނޭމާ އަށް ފުރުސަތު އޮތްކަމުގެ އިޝާރާތެއް ދީފައެވެ.
"ނޭމާ އަކީ މޮޅު ހުނަރުވެރިއެއް، އަދި ކުރިއަށް އޮތް ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް އޭނާ އަށް އެހީތެރިވެވިދާނެ ކަމަށް މީހުން ގަބޫލުކުރުމަކީ އާދައިގެ ކަމެއް،" އަންޗެލޮޓީ ބުންޏެވެ.
އޭނާ އިތުރަށް ބުނީ ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުންނާއި އޭނާ ވެސް ނޭމާގެ ކުޅުން ބަލަމުންދާ ކަމަށާއި، އަނިޔާއަށްފަހު ނޭމާ އެނބުރި އައިސް ލަނޑު ޖަހަމުންދާ ކަމީ އުފާވެރި މަންޒަރެއް ކަމަށެވެ.
އުތުރު އެމެރިކާ އާއި މެކްސިކޯގައި ޖޫން 11 އިން ޖުލައި 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގައި ބްރެޒިލް ހިމެނެނީ ގްރޫޕް ސީ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ މޮރޮކޯ، ހެއިޓީ އަދި ސްކޮޓްލޭންޑެވެ. ބްރެޒިލްގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 13 ވަނަ ދުވަހު ނިއު ޖާޒީ ސްޓޭޑިއަމްގައެވެ.
Ads by MACL
