ނަތީޖާ އެއްވަރުވެގެން ދެވަނަ ބުރަކަށް ދާންޖެހުނީ ފަސް ދާއިރާ: އެލެކްޝަން
މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ނަތީޖާ އެއްވަރުވެ، ދެވަނަ ބުރެއް ބާއްވަން ޖެހިފައިވަނީ ފަސް ދާއިރާއެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އިންތިހާބުގެ ނަތީޖާ އެއްވަރުވުމުގެ ސަބަބުން އަލުން ވޯޓުލުން ބާއްވަން ޖެހިފައިވަނީ ކައުންސިލްގެ ދެ ގޮނޑިއަކަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ތިން ގޮނޑިއަކަށް ކަމަށެވެ. އެގޮތުން ކައުންސިލް ގޮނޑިތަކުގެ ތެރެއިން ދެވަނަ ބުރަކަށް ދަނީ ބ. ދޮންފަނު ކައުންސިލާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ހާއްސަ ގޮނޑިއެވެ.
މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ކެލާ ކޮމިޓީގެ ރައީސް ހޮވުމަށާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުން ހޮވުމަށެވެ.
Ads by BMLއިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މި ފަސް ދާއިރާގެ ދެވަނަ ބުރުގެ ވޯޓުލުން މި މަހުގެ 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށެވެ. އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ވޯޓުލުން ކުރިއަށްދާއިރު، އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ އާދިއްތަ ދުވަހުއެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވުނު މި އިންތިހާބަކީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 73 އިންސައްތަ މީހުން ބައިވެރިވި، ކައުންސިލް އިންތިހާބެއްގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ވޯޓުލީ ފަހަރު ކަމަށްވެސް އީސީން ވަނީ ފާހަގަކޮށްފައެވެ.
Ads by MACL
