ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ

މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމްކޮށްފިއެވެ.

މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުގައި ބުނެފައިވަނީ، ހިތަދޫ ކޯޓުން ޣައިރު ހާޒިރުގައި ހުކުމް ކޮށް، އެކަން ސިނާންއަށް އަންގާފައިވާ ކަމަށާއި އަދި އެ ހުކުމް ލިބުނުކަން ސިނާން މެސެޖަކުން ކޯޓަށް އެންގި ކަމަށެވެ. އަދި އެ ކޯޓުގެ ހުކުމް އިސްތިއުނާފު ކޮށްފައި ނުވާކަންވެސް ފާހަގަކޮށްފައިވެ އެވެ. މީގެއިތުރުން ހުކުމާ އެއްގޮތަށް ފައިސާ ދެއްކުމަށް އެމްއައިބީންވެސް އީމެއިލް މެދުވެރިކޮށް ސިނާނަށް އެންގި ކަމަށާއި އަދި ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާނަމަ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް ކޯޓަށް ހުށަހަޅާނެކަން އެމްއައިބީން އީމެއިލް މެދުވެރިކޮށް ސިނާނަން އެންގިކަން ރައުޔުގައި ފާހަގަކޮށްފައިވެ އެވެ.

ހިތަދޫ ކޯޓުން ހުކުމް ކުރިގޮތަށް ސިނާން ފައިސާ ދައްކަމުން ދިޔަ ކަމަށް ނުދެކޭ ކަމަށް ފަނޑިޔާރު ޝުޖޫންގެ ރައުޔުގައި ބުނެފައިވެ އެވެ. އެހެންކަމުން ސިނާންގެ މައްޗަށް ދަރަންޏެއް ސާބިތުވެފައިވާ ކަމާއި އެ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ގޮސްފައި ނުވާކަން ސާބިތުވާ ކަމަށާއި އެހެންކަމުން އެކަމުގެ ނަތީޖާއަކީ މެންބަރުކަމުން ސިނާން ވަކިކުން ކަމަށް ފަނޑިޔާރު ޝުޖޫންގެ ރައުޔުގައި ބުނެފައިވެ އެވެ.

ފަނޑިޔާރު ޝުޖޫންގެ ރައުޔަށް މައްސަލައިގައި ހިމެނޭ ބެންޗުގެ އެހެން ފަނޑިޔާރުން ވަނީ ތާއީދުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބަލާފައިވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. މި ބެންޗުގައި ހިމެނެނީ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމް އެވެ.

ސާބިތުވެފައިވާ ދަރަންޏެއްގެ ހުކުމާއެއްގޮތަށް ފައިސާ ދައްކަމުންނުދާ މައްސަލައިގައި ސިނާންގެ ގޮނޑިއާމެދު ސުވާލު އުފައްދާ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ 2025 ފެބްރުއަރީ 13 ވަނަ ދުވަހު އެވެ.

އެމްއައިބީއިން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަށް، ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ދެއްކުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ސިނާނާއި އިތުރު ބައެއްގެ މައްޗަށް ހުކުމްކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ފަހު ކޮޅު އެވެ. ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ، އެ ފައިސާ ދައްކަމުން ނުދާ ކަމަށް ބުނެ، ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެވެ. ސިނާންގެ ގޮނޑިއާމެދު ސުވާލު އުފައްދާ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ދުވަހު އޭނާވަނީ އެ ދަރަނި ދައްކާފަ އެވެ.