ސޮނެވާ ޖާނީގެ ރެސްޓޯރަންޓެއްގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި
ނ. އަތޮޅުގައި ހިންގަމުން އަންނަ މަތީ ފަންތީގެ ރިސޯޓެއް ކަމަށްވާ ސޮނެވާ ޖާނީގެ ރެސްޓޯރަންޓެއްގައި މިއަދު މެންދުރުފަހު އަލިފާނުގެ ހާދިސާއެއް ހިނގައި، އެތަނަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، ސޮނެވާ ޖާނީގައި އަލިފާން ރޯވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރުފަހު 14:04 ހާއިރުއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އާއި، ފުލުހުން އަދި ރިސޯޓުގެ މުވައްޒަފުން ގުޅިގެންނެވެ. ހުރިހާ ފަރާތްތަކުން ގުޅިގެން ކުރި މަސައްކަތުން މިހާރު ވަނީ އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައެވެ.
Ads by BMLމި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ސޮނެވާ ޖާނީ އަކީ ރާއްޖޭގައި ހިންގާ އެންމެ އަގުބޮޑު އަދި މަގުބޫލު އެއް ރިސޯޓެވެ.
Ads by MACL
