ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިކަމެއް ނެތް, ލަންކާގައި ތާށިވި ކޮންޓެއިނަރުތައް ވެސް ރާއްޖެ އަންނަނީ

ހަނގުރާމައާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލު ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ރައީސް މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން މިއަދު މީޑިއާއާ ވާހަކަ ދައްކަނީ ---
ހަނގުރާމައާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލު ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ރައީސް މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން މިއަދު މީޑިއާއާ ވާހަކަ ދައްކަނީ ---

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރަށް ލޮޅުންތަކެއް އަރަމުންދިޔަ ނަމަވެސް، އޮމާނުން ރާއްޖެއަށް ބޭނުންވާ ތެލުގެ ޝިޕްމަންޓްތައް އެއްވެސް މެދުކެނޑުމެއްނެތި ޝެޑިއުލާ އެއްގޮތަށް ލިބެމުންދާ ކަމުގެ ޔަގީންކަން ސަރުކާރުން މިއަދު ދީފިއެވެ.

ކްރައިސިސް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ތެލާއި ގޭސް ރާއްޖެއަށް ގެނައުމަށް ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށާއި، ބައެއް ހާލަތްތަކުގައި ކުރިން ކަނޑައަޅާފައިވާ ޝެޑިއުލަށްވުރެ އިތުރަށް ވެސް ތެޔޮ އެތެރެކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި މުހިއްމު ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ. ނަމަވެސް މި ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކަށް އެއްވެސް ބުރޫއެއް ނާރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. ތެލުގެ އަގާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި އަދިވެސް ތެލުގެ އަގު ހުރީ މަތީގައި ކަމަށާއި، ރާއްޖޭގައި އަމިއްލަ ފަރާތްތަކުން ވެސް ތެޔޮ އެތެރެކުރާތީ އެ ވިޔަފާރިތަކަށް ގެއްލުން ނުވާނެހެން ތެލުގެ އަގަށް ބަދަލު ގެންނަން ޖެހިފައިވާ ކަމަށެވެ.

އިމްޕޯޓް މުދަލުގެ ހާލަތާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ސްރީލަންކާގެ ބަނދަރުގައި ތާށިވެފައި ހުރި ކޮންޓެއިނަރުތައް ގެނައުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން ލަންކާގައި ތާށިވި 4,200 ކޮންޓެއިނަރުގެ ތެރެއިން މިހާރު ބާކީ ހުރީ 1,740 ކޮންޓެއިނަރު ކަމަށާއި، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ މުދާ ރާއްޖެއަށް ވަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، މި ހަފުތާގެ ތެރޭގައި 2,500 އެއްހާ ކޮންޓެއިނަރު މާލެއަށް އައުމަށް ވަނީ ތާވަލުކުރެވިފައެވެ. އަދި މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖޭގެ އިމްޕޯޓް 19 އިންސައްތަ އިތުރުވެފައިވާކަން ފާހަގަކުރައްވައި، މިއީ އިގްތިސާދީ ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އެއާލައިންތަކުގެ ދަތުރުތައް އިތުރުވުމާއެކު ވައިގެ މަގުން މުދާ އުފުލުމަށް ވެސް ބޮޑެތި ލުއިތަކެއް ލިބިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.