ޙައްޖުގެ އެންމެހާ އިންތިޒާމްތަކެއް ފުރިހަމަކުރެވި، ޙައްޖުވެރިންގެ ވިސާގެ ކަންކަން ވެސް ހަމަޖެހިއްޖެ: ޝަހީމް
މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާ ދިވެހި ޙައްޖާޖީންގެ އެންމެހާ އިންތިޒާމްތަކެއް ފުރިހަމަކުރެވިފައިވާކަމަށާއި، ޙައްޖުވެރިންގެ ވިސާގެ ކަންކަންވެސް މިހާރު ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ދިއުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށެވެ. އަދި ދިވެހި ޙައްޖާޖީންގެ ދަތުރުގެ އެންމެހާ ކަންތައްތަކެއް ވަރަށް ފުރިހަމައަށް އިންތިޒާމްކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ދިވެހިރާއްޖޭގެ ޙައްޖުވެރިންގެ އެންމެހާ ކަންތައްތަކެއްވެސް ވަނީ ވަރަށް ފުރިހަމައަށް ނިމިފައި. ވިސާވެސް ވަނީ މިހާރު އިޝޫ ކުރެވިފައި. އަދި އެކަމަޑޭޝަނާއި، އެހެނިހެންވެސް ތައްޔާރީތައް ފްލައިޓުގެ ދަތުރުތަކާ ހުރިހާކަމެއްވެސް ވަނީ އިންތިޒާމްކުރެވިފައި،" ވަޒީރު ވިދާޅުވިއެވެ.
1447 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމަށް ދިވެހި ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މޭ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ނިންމާފައިވަނީ ޙައްޖާޖީންގެ 50 އިންސައްތަ މީހުން ސައުދީ އަރަބިއްޔާގެ ސައުދިއާ އެއާލައިންގައި އަދި ބާކީ 50 އިންސައްތަ މީހުން ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންގައި ގެންދިއުމަށެވެ.
ދިވެހި ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވާ ތާރީޚުތައް:
- ފްލައިޓް 1: 15 މޭ - 242 މީހުން (ސައުދިއާ އެއާލައިން)
- ފްލައިޓް 2: 17 މޭ - 250 މީހުން (މޯލްޑިވިއަން)
- ފްލައިޓް 3: 18 މޭ - 243 މީހުން (ސައުދިއާ އެއާލައިން)
- ފްލައިޓް 4: 19 މޭ - 250 މީހުން (މޯލްޑިވިއަން)
ޙައްޖުގެ އެންމެހާ ތައްޔާރީތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، ޙައްޖު މިޝަން އަދި ޙައްޖު ކޯޕަރޭޝަން ގުޅިގެން އަންނަނީ ވަރަށް ބާރަށް ކުރިއަށް ގެންދަމުންނެވެ.
Ads by MACL
