ލަންކާ ބަނދަރުގައި ތާށިވެފައި ހުރި ކޮންޓެއިނަރުތައް ކްލިއާކޮށްފި
ސްރީލަންކާގެ ބަނދަރުގައި ތާށިވެފައި ހުރި ރާއްޖެއަށް ގެންނަންޖެހޭ ކޮންޓެއިނަރުތައް ކްލިއާކޮށް، ރާއްޖެއަށް މުދާ ގެނައުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އިޤަތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، އަސާސީ މުދާ ހުސްނުވެ ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށެވެ.
ލަންކާ ބަނދަރުގައި މުދާ ތާށިވެފައިވާ މައްސަލައަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މިމަހުގެ 8 ވަނަ ދުވަހާ ހަމައަށް 4,241 ކޮންޓެއިނަރު ތާށިވެފައި ހުރި ނަމަވެސް، އެމްޕީއެލް، އެސްޓީއޯ އަދި އެމްއެސްއެސް ގުޅިގެން ކުރި މަސައްކަތުން މިހާރު އެ އަދަދު 1,741 އަށް ތިރިކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު 2,500 ކޮންޓެއިނަރު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާ އެކު މިހާރު މަސައްކަތް ކުރަމުން މިދަނީ އަސާސީ ކާބޯތަކެތީގެ މި ހިމެނޭ މުދާތައް 7 މާކެޓަކުން ގެނެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް. މިކަމުގައި ވެސް ކުރިއެރުންތަކެއް މިވަނީ ލިބިފަ. މީގެ ތެރޭގައި ޗައިނާ، އިންޑިއާ، ތައިލެންޑް، ވިއެޓްނާމް އަދި އިންޑޮނޭޝިއާ ފަދަ ގައުމުތައް ހިމެނޭ،" ވަޒީރު ސައީދު ވިދާޅުވިއެވެ.
ކަނޑުމަގުން މުދާ ގެނައުމުގެ އިތުރުން، ވައިގެ މަގުން މުދާ އެތެރެކުރުންވެސް އިތުރުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން އެއާލައިންތަކުން ފްލައިޓްތައް އިތުރުކުރުމާ ގުޅިގެން އެއާ ފްރައިޓްކޮށް ގެންނަ މުދާ އިތުރުވެފައިވާއިރު، ކޮލަމްބޯގައި ހުރި ފްރޯޒަން މުދަލާއި އެހެނިހެން މުދާތައް ގެނައުމުގެ މަސައްކަތްވެސް ތަރުތީބުން ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ތެލުގެ ޝިޕްމަންޓްތައް އެއްވެސް ދަތިކަމެއް ނެތި ލިބެމުންދާކަން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިމްޕޯޓް 19 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. މީގެ މައިގަނޑު ސަބަބުތަކަކީ ރާއްޖޭގެ ވިޔަފާރިތައް ކުރިއަރައި އިގްތިސާދަށް އަންނަ ހެޔޮ ބަދަލުތަކާއި، ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމެވެ.
Ads by BMLމީގެ އިތުރުން ޗައިނާއާއެކު އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުންވެސް މުދާ އެތެރެކުރުމުގައި ފަސޭހަތަކެއް ލިބެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
Ads by MACL
