ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގައްދޫ ސްކޫލް ދަރިވަރަކު މުދައްރިސަކަށް ހަމަލާދީ ޖިސްމާނީ އަނިޔާތަކެއް ދީފި

ގައްދޫ ސްކޫލް ދަރިވަރަކު މުދައްރިސަކަށް ހަމަލާދީ ޖިސްމާނީ އަނިޔާތަކެއް ދީފި

ގދ. ގައްދޫގައި ހުންނަ އަތޮޅު މަދަރުސާގެ ދަރިވަރަކު އެ ސްކޫލުގެ އަންހެން މުދައްރިސަކަށް ހަމަލާ ދިނުމުގެ ސަބަބުން ލިބުނު ޖިސްމާނީ އަނިޔާތަކަށް ފަރުވާ ހޯދުމަށް، އެ މުދައްރިސް ގދ. ތިނަދުއަށް ބަދަލުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. މި ހަމަލާގައި އަނިޔާވެފައިވަނީ އެ ސްކޫލުގައި ކިޔަވައިދޭ އިންޑިއާގެ އަންހެން މުދައްރިސަކަށެވެ. މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ މިއަދު ހެނދުނު 11:46 އެހާކަންހާއިރު ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

އަނިޔާލިބުނު މުދައްރިސަށް އެންމެ ފުރަތަމަ ފަރުވާދީފައިވަނީ ގައްދޫ ހެލްތު ސެންޓަރުގައެވެ. ނަމަވެސް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މުދައްރިސަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.