ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕާޓީގެ ރައީސްކަން ގެއްލިދާނެތީ އިމްރާން ކަންބޮޑުވެއްޖެ، ބަދަލުގައި ވިދާޅުވީ ކެބިނެޓުން ވަކިވެގެން އާދޭ، ބަލައިގަންނާނަން!

ޝަހީމް އަދި އިމްރާން
ޝަހީމް އަދި އިމްރާން

ކެބިނެޓު ދޫކުރައްވައި އަދާލަތު ޕާޓީއާއި ގުޅެން މަރުހަބާ ދަންނަވާނޭ ކަމުގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދައިން ވިދާޅުވީ ޝަހީމް އަދާލަތު ޕާޓީއާއި އަލުން ގުޅިވަޑައިގެން ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމެވިކަން އިއުލާނުކުރެއްވުމާއި އެކު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.


އެގޮތުން އިމްރާންގެ ޕޯސްޓުގައި ވިދާޅުވީ ރައީސް މުއިއްޒުގެ ދޯހަޅިކަމާހުރެ ޤައުމު ވެއްޓިފައި މިއޮތް ޙާލަތުން ސަލާމަތްކުރުމަށް، ރައީސް މުއިއްޒުގެ ކެބިނެޓް ދޫކުރައްވާ ޚާލިސްކަމާއެކު ޝަހީމް ޢަދާލަތު ޕާޓީގެ ލީޑަރޝިޕަށް ވާދަކުރައްވާނަމަ އެކަމަށް އުފަލާއެކު މަރުޙަބާ ދަންނަވާ ކަމަށެވެ.


ޝަހީމް ވަނީ 19 ފެބްރުއަރީ 2012 އިން 05 މެއި 2015 އަށް ރައީސް މުޙައްމަދު ވަޙީދު ޙަސަން މަނިކު އަދި ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުކަން ކުރައްވާފައެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންމޭޓްގެ ގޮތުގައި ކުރިމަތިލެއްވިއެވެ.

އޭގެ ފަހުން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރުގެ މަޤާމަށް ޢައްޔަންކުރެވުނެވެ. 2020 ވަނަ އަހަރު، ޝަހީމް ވެގެން ދިޔައީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ސިޔާސީ ލަފާދޭ އިސްފަރާތެއްގެ ގޮތުގައެވެ.

އޭގެ ފަހުން ރައީސް މުޙައްމަދު މުޢިއްޒު ވަނީ ޑރ ޝަހީމް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުގެ މަޤާމަށް ޢައްޔަންކުރައްވާފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ޝަހީމްގެ ނަން ފާސްކުރުމަށް ވޯޓަށް އެހުމުން، އޭރުގެ އެމްޑީޕީ މެޖޯރިޓީއޮތް މަޖިލީހުގެ ގިނަ މެންބަރުން ވޯޓުދެއްވީ ޝަހީމަށް ރުހުން ނުދިނުމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު އެކުލަވާލެވުނު މަޖިލީހުގެ ފުލް މެޖޯރިޓީއާއިއެކު ޝަހީމަށް ރުހުން ލިބުނެވެ.

ދިވެހިރާއްޖެއަށް އިސްލާމީ މައުލޫމާތު ފޯރުކޮށްދިނުމާއި އިސްލާމީ އެކިއެކި ރޮނގުން ގައުމަށް ހިދުމަތް ކުރުމުގައި ޝަހީމް ވަނީ އިސްދައުރެއް އަދާކޮށްފައެވެ. އަދި އެމްޑީޕީން އެންމެ ބޮޑަށް ޖެހިލުންވެވަޑައިގަންނަވާ ފަރާތްތަކުގެ ތެރޭގައި ޝަހީމް ހިމެނިވަޑައިގަންނަވައެވެ.