ޑެންގީ ބަލީގައި ހާލު ސީރިއަސްވި އުމުރުން 23 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ
ޑެންގީ ބަލީގައި ހާލު ސީރިއަސްވެ، މާލޭގައި ފަރުވާދެމުންދިޔަ އުމުރުން 23 އަހަރުގެ ޒުވާނަކު މިއަދު ނިޔާވެއްޖެއެވެ. އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެފައިވަނީ ށ. މިލަންދޫއަށް ނިސްބަތްވާ ނަބްހާން ނަމަކަށް ކިޔާ ޒުވާނެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ގަދައަށް ހުން އައުމުގެ ސަބަބުން އެންމެ ފުރަތަމަ އޭނާއަށް ފަރުވާދީފައިވަނީ އޭނާގެ ރަށް ކަމަށްވާ ށ. މިލަންދޫ ސިއްހީ މަރުކަޒުގައެވެ. އެހެންނަމަވެސް ބަލީގެ ހާލަތު ގޯސްވަމުން ދިޔުމާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ދިނުމަށްފަހު، ހާލު އިތުރަށް ސީރިއަސްވުމުން އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
މި ނުރައްކާތެރި ބަލީގައި ޒުވާނަކު ނިޔާވެފައިވާއިރު، ރާއްޖޭގައި މިދުވަސްވަރު ޑެންގީ ހުން ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މި މަހުގެ 9 ވަނަ ދުވަހު އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ހުސްވި މަހު އެކަނިވެސް 535 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ.
Ads by BMLމިއީ ކަންބޮޑުވާންޖެހޭ މިންވަރުގެ އިތުރުވުމެކެވެ. ސަބަބަކީ އޭގެ ކުރީ އަހަރުގެ ހަމަ އެ މުއްދަތުގައި ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވަނީ އެންމެ 60 ކޭސް ކަމަށް ވާތީއެވެ. ޑެންގީ ފެތުރޭ މިންވަރު އިތުރުވަމުންދާތީ، މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.
Ads by MACL
