ޗާގޯސް މޮރިޝަސްއަށް ދިނުން މަޑުޖައްސާލުމަކީ ރާއްޖޭގެ ހައްގު ހޯދަން ލިބުނު ބާރެއް: ސަރުކާރު
ޗާގޯސް މޮރިޝަސްއަށް ދިނުން މަޑުޖައްސާލުމަކީ ރާއްޖޭގެ ސިޔާދަތީ ހައްގު ހޯދަން ލިބުނު ބާރެއްކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިއީ ޗާގޯސްގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަން ސާބިތުކޮށްދިނުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށާއި، އެކަމާ ގުޅޭ މަޝްވަރާތަކަށް ލިބިގެންދިޔަ އިތުރު ބާރެއް އަދި މުހިންމު ފުރުސަތެއް ކަމަށެވެ.
އިނގިރޭސިވިލާތުން މި އެއްބަސްވުމަށް އަމަލުކުރުން ފަސްކޮށްފައިވަނީ އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާއެކު އޮންނަ ގުޅުމަށް ބުރޫއަރާފާނެތީއާއި، އެމެރިކާގެ ފަރާތުން ލިބެންޖެހޭ ރަސްމީ ހުއްދަތައް ނުލިބުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ. އިނގިރޭސިންނާއި މޮރިޝަސްއާ ދެމެދު ކުރިން ހަމަޖެހިފައި އޮތީ، ޗާގޯސްގެ ކޮންޓްރޯލް މޮރިޝަސްއަށް ދިނުމަށްފަހު، އަހަރަކު 101 މިލިއަން ޕައުންޑް ދީގެން ޑިއޭގޯ ގާސިއާގައި ހުންނަ އަސްކަރީ މަރުކަޒު އިނގިރޭސިން އަނބުރާ ކުއްޔަށް ހިފުމަށެވެ.
Ads by BMLމި އެއްބަސްވުން މަޑުޖައްސާލުމާ ގުޅިގެން ފޮރިން މިނިސްޓްރީން ވަނީ، ބައިނަލްއަގުވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ރާއްޖޭގެ ހައްގުތަކަށް އިހުތިރާމުކޮށް އިންޑިއާ ކަނޑުގެ ސުލްހަމަސަލަސްކަމާއި ހަމަޖެހުން ދެމެހެއްޓުމަށް އިނގިރޭސި ސަރުކާރަށް ގޮވާލާފައެވެ.
ރާއްޖެއާއި ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިދިޔަ އަހަރުގެ އޭޕްރީލް މަހު ވަނީ ގޮތެއް ނިންމާފައެވެ. އެ ނިންމުމުގެ ދަށުން ދެ ގައުމުގެ ދެމެދުގައިވާ 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބަހާލިއިރު، ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 އަކަ ކިލޯމީޓަރު ވަނީ ކަނޑައަޅާފައެވެ.
ނަމަވެސް، މިހާރު ވެރިކަންކުރާ ޕީއެންސީން އޭރު އިދިކޮޅުގައި އޮވެ ބުނަމުންދިޔައީ އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިފައިވާ ކަމަށެވެ. އެ ސަރަހައްދު އަނބުރާ ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ރިޔާސީ ވައުދުފުޅެކެވެ. މި މައްސަލަ އިސްތިއުނާފުކުރުމަށްޓަކައި އަލުން އިޓްލޮސްއަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެކަމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާތަން އަދި ނުފެންނަ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
ގެއްލުނު ކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހޯދުމުގެ އިތުރުން، ޗާގޯސްގެ ރަށްތަކުގެ މައްޗަށް އޮތީ ރާއްޖޭގެ ހައްގުކަމަށް ބަޔާންކުރައްވައި ރައީސް މުއިއްޒު ވަނީ އިނގިރޭސި ސަރުކާރަށް ރަސްމީކޮށް ސިޓީފުޅެއް ފޮނުއްވާފައެވެ. ހަމައެހެންމެ، ޗާގޯސްއަކީ މޮރިޝަސްގެ ތަނެއްކަމަށް ބަލައިގަނެ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅު އަނބުރާ ގެންދަވާފައިވާކަން ރައީސް މުއިއްޒު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާނުކުރައްވާފައެވެ. އެހެންނަމަވެސް އެކަމާމެދު ރައްޔިތުންގެ މަޖިލީހުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
Ads by MACL
