ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް އޮފީހުގެ މިނިސްޓަރު ކަމުން އަލީ އާރިފް އިސްތިއުފާ ދެއްވައިފި

އަލީ އާރިފް އަށް ފަތްކޮޅު އެރުވުން -- ފޮޓޯ: ރައީސް އޮފީސް
އަލީ އާރިފް އަށް ފަތްކޮޅު އެރުވުން -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި އަލީ އާރިފް މިއަދު ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް ސަރުކާރުން އިސްތިއުފާ ދެއްވި އެންމެ އިސް އެއް އޮފިޝަލެވެ. ނަމަވެސް، އޭނާ މަގާމުން ދުރަށް ވަޑައިގެންނެވި ވަކި ސަބަބެއް މިހާތަނަށް ސަރުކާރުންވެސް އަދި އޭނާވެސް ހާމަކުރައްވާފައެއް ނުވެއެވެ.

ރައީސް އޮފީހުގެ ޕްރެސިޑެންޝަން އެފެއާޒް މިނިސްޓަރުގެ މަގާމަށް އަލީ އާރިފް އައްޔަންކުރެއްވީ، މި ސަރުކާރު ވެރިކަމާ ހަވާލުވި ދުވަސް ކަމުގައިވާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ސަރުކާރާ ގުޅިވަޑައިގަތުމުގެ ކުރިން އަލީ އާރިފް ފާހަގަކުރެވިފައިވަނީ ސިޔާސީ މައިދާނުގައި ހަރަކާތްތެރި ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން 2014 އިން ފެށިގެން 2019 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައެވެ. އޭގެ ފަހުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގެން، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހީމްގެ ކެމްޕޭނުގައި އިސް ދައުރެއް އޭނާ އަދާކުރެއްވިއެވެ.

ސަރުކާރުގެ އެންމެ އިސް އެއް އޮފިޝަލު އިސްތިއުފާ ދެއްވާފައި މިވަނީ، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިންނަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައެވެ. މިމަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިހާބުގެ ނަތީޖާއަށްފަހު، ރައްޔިތުން އެދޭފަދަ ބަދަލުތަކެއް ސަރުކާރުގެ ތެރެއިން ފެނިގެންދާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު، ފަހަކަށް އައިސް ބައެއް ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުން ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި ބައެއް ބޭފުޅުން މަގާމުން ވަކިކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.