ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާޅުގަނޑު ސާފިން ސްޓޭޑިއަމް ބޮޑުކޮށް، ކޮންކްރީޓުން އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

ގައުމީ ސާފިން ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލެއްވުން --- ފޮޓޯ: ރައީސް އޮފީސް
ގައުމީ ސާފިން ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލެއްވުން --- ފޮޓޯ: ރައީސް އޮފީސް

މާލޭ ރާޅުގަނޑު ސަރަހައްދުގައި ހަދާ ބައިނަލްއަގުވާމީ ފެންވަރުގެ ސާފިން ސްޓޭޑިއަމް، ކުރިން ހަމަޖެހިފައިވާ ވަރަށް ވުރެ ބޮޑުކޮށް، ކޮންކްރީޓުން އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މި ހިނގާ މަސްތެރޭގައި ފަށާނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ބޮޑު މަޝްރޫއު ފެށުން ލަސްވެގެން ދިޔައީ އިމާރާތުގެ ޑިޒައިނާއި އޮނިގަނޑަށް ގެންނަންޖެހުނު މުހިންމު ބަދަލުތަކަކާ ގުޅިގެން ކަމަށެވެ. އެގޮތުން، ސްޓޭޑިއަމްގެ ބޮޑުމިނަށް އިތުރު 50 ފޫޓު މިހާރު އިތުރުކޮށްފައިވާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކުރިން މި ސްޓޭޑިއަމް އިމާރާތްކުރަން ނިންމާފައި އޮތީ "ޕްރީ ފެބްރިކޭޓެޑް" ސްޓްރަކްޗަރއަކަށް ނަމަވެސް، ސާފިން އެސޯސިއޭޝަނާއި ބޮޑީ ބޯޑިން އެސޯސިއޭޝަންގެ އިތުރުން ފަންނީ ތަޖުރިބާކާރުންގެ ލަފާގެ މަތިން އެ ނިންމުން މިހާރު ވަނީ ބަދަލުކޮށްފައެވެ.

އެގޮތަށް ބަދަލުކުރަން ޖެހުނު މައިގަނޑު ސަބަބަކީ، ރާޅުގަނޑަކީ މޫދާ އިންވެގެން އޮންނަ، ލޮނުގެ އަސަރު އިންތިހާއަށް ބޮޑު ސަރަހައްދަކަށް ވުމުންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި ކުރިން އޮތް ގޮތަށް އެތަން ހަދައިފިނަމަ މެއިންޓަނަންސް ޚަރަދު ވަރަށް ބޮޑުވާނެއެވެ. އެހެންކަމުން ދިގު މުއްދަތަކަށް ބެލެހެއްޓުމަށް އެންމެ ޚަރަދުކުޑަ އަދި އެންމެ ރަނގަޅު ގޮތަކީ ކޮންކްރީޓުން އެތަން އިމާރާތްކުރުން ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ލަފާދީފައެވެ.

"މަސައްކަތް ފެށުން ލަސްވީ ޑިޒައިން ބޮޑުކޮށް، ކޮންކްރިޓް ސްޓްރަކްޗައަކަށް ބަދަލުކުރަން ކުރަންޖެހުނު މަސައްކަތްތަކާ ހެދި. އެކަމަކު މިހާރު ކުރެހުންތައް އެއްކޮށް ނިމިއްޖެ. އަދި މަސައްކަތް ހަމަ ކުރީގެ ކޮންޓްރެކްޓަރާ ހަވާލުކުރެވި، ނިންމަން ޖެހޭ ތާރީޚަށްވެސް ބަދަލެއް ނާދޭ. އަޅުގަނޑު އުންމީދުކުރަނީ ހަމަ މި މަސްތެރޭގައި މަސައްކަތް ފެށިގެންދާނެ ކަމަށް،" ވަޒީރު ރާފިޢު ވިދާޅުވިއެވެ.

ސާފިން ސްޓޭޑިއަމް ތަރައްގީކުރުމުގެ މަސައްކަތް ކުޅިވަރާ ބެހޭ ވުޒާރާއިން ހަވާލުކޮށްފައިވަނީ ޗައިނާގެ ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަނާއެވެ. މިދިޔަ އަހަރުގެ އޭޕްރީލް 18 ގައި ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، އެ ސަރަހައްދު ތައްޔާރުކުރުމުގެ ގޮތުން ކުރިން ހުރި ބްރިޖް ވިއު ޕްލެޓްފޯމް ރޫޅާލުމުގެ މަސައްކަތް ވަނީ ނޮވެމްބަރު 25 ގައި ފަށާފައެވެ.

ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތަކަށް އަމާޒުކޮށްގެން ހަދާ މި ޒަމާނީ ސްޓޭޑިއަމްގައި ކުޅިބަލާ މީހުންނަށް ޚާއްޞަ ސަރަހައްދެއްގެ އިތުރުން، ރޮސްޓްރަމް، މީޑިއާ ސަރަޙައްދު، ކޮމެންޓަރީ ބޮކްސް އަދި ކެމެރާ ޑެކް ހުންނާނެއެވެ. މީގެ އިތުރުން އޮބްޒަވޭޝަން ކޯނަރަކާއި، ޖިމެއް، މަލްޓިޕާޕަސް ހޯލެއްގެ އިތުރުން ކޮންފަރަންސް ރޫމަކާއި ޓެރަސްއެއްވެސް ހިމެނޭނެއެވެ.

މި ބޮޑު މަޝްރޫއު ފުރިހަމަވުމުން، ރާއްޖޭގައި ބައިނަލްއަގުވާމީ ރާޅާއެޅުމުގެ މުބާރާތްތައް ފެންވަރު ރަނގަޅު ގޮތެއްގައި ބޭއްވުމުގެ މަގުފަހިވެ، ދިވެހިރާއްޖޭގެ މޫދު ކުޅިވަރުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް އަންނާނެއެވެ.