ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އޭޝިއާ މާކެޓް ފުޅާކުރަން ގެސްޓްހައުސް އެސޯސިއޭޝަނުން ހޮންކޮންގުގައި ރޯޑްޝޯއެއް ފަށައިފި

އެންއެޗްޖީއޭއެމް އިން ހޮންކޮންގުގައި ކުރިއަށް ގެންދާ ރޯޑްޝޯ ފެށުމުގެ ރަސްމިއްޔާތުގެ ބައިވެރިން ގުރޫޕް ފޮޓޯއެއް ނަގަނީ.--- ފޮޓޯ: އެންއެޗްޖީއޭއެމް
އެންއެޗްޖީއޭއެމް އިން ހޮންކޮންގުގައި ކުރިއަށް ގެންދާ ރޯޑްޝޯ ފެށުމުގެ ރަސްމިއްޔާތުގެ ބައިވެރިން ގުރޫޕް ފޮޓޯއެއް ނަގަނީ.--- ފޮޓޯ: އެންއެޗްޖީއޭއެމް

ބޭރުގެ ބައެއް ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ޔޫރަޕްގެ މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށަށް ދާތީ، ދެކުނު އިރުމަތީ އޭޝިއާގެ މާކެޓް ވަރުގަދަކުރުމަށް ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން ޚާއްޞަ ހަރަކާތެއް ފަށައިފިއެވެ.

"މޯލްޑިވްސް ސައުތު އީސްޓް އޭޝިއާ ރޯޑްޝޯ" ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތް ރަސްމީކޮށް ފަށާފައިވަނީ މިއަދު ހޮންކޮންގުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

 

މި ރޯޑްޝޯ ފައްޓަވައިދެއްވީ އެންއެޗްޖީއޭއެމްގެ ރައީސް އަދި ކާނި ހޮޓެލްސްގެ ވެރިޔާ އަބްދުﷲ ނަޝީދެވެ. މި ހަރަކާތުގައި އެ ސަރަހައްދުގެ ފަތުރުވެރިކަމުގެ ދާއިރާގައި އިސްކޮށް އުޅުއްވާ ފަރާތްތަކާއި، ޓްރެވަލް އެޖެންޓުންގެ އިތުރުން ސިނާއަތުގެ ގިނަ ބަޔަކު ބައިވެރިވިއެވެ.

 

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުﷲ ނަޝީދު ވިދާޅުވީ، ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކާއެކު މީހުން ދަތުރުފަތުރުކުރާ މިސްރާބު ބަދަލުވެފައިވާ ކަމަށެވެ. އަދި މި ބަދަލަކީ ރާއްޖެ ފަދަ މަންޒިލްތަކަށް ލިބޭ ފުރުސަތެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް އޭޝިއާ-ޕެސިފިކް ސަރަހައްދަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު މާކެޓަށް ވާއިރު، މި ސަރަހައްދަށް އަމާޒުކޮށް މަސައްކަތްކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

 

ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުން ފެށިގެން މިހާތަނަށް އޭޝިއާ-ޕެސިފިކް ސަރަހައްދުން 700،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ގާތްގަނޑަކަށް 26.3 އިންސައްތައެވެ. އަދި މި ސަރަހައްދުން އަންނަ ފަތުރުވެރިންގެ އަދަދު އަހަރަކު 12.1 އިންސައްތައިގެ ރޭޓުން އިތުރުވަމުންދާކަން އެންއެޗްޖީއޭއެމްގެ ރައީސް ފާހަގަކުރެއްވިއެވެ.

 

ނަޝީދު އިތުރަށް ވިދާޅުވީ، ރާއްޖެއަށް އާންމުކޮށް ފަތުރުވެރިން އަންނަ ދުރު މާކެޓްތަކަށް ގޮންޖެހުންތައް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ދެކުނު އިރުމަތީ އޭޝިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޭނުންވާ ކުރިއެރުމާއި ހަމަޖެހުން ގެނެސްދޭނެ ސަރަހައްދެއް ކަމަށެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިއެރުން މަޑުޖެހިފައިވާ މި ދަނޑިވަޅުގައި، މިފަދަ އިޝްތިހާރު ކުރުމުގެ ހަރަކާތްތަކަކީ ސިނާއަތަށް ލިބޭނެ ބޮޑު ދިރުމެއް ކަމަށް ބެލެވެއެވެ.