ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގައި ބާއްވަނީ، ކުރިމަތިލުމަށް ހުޅުވާލައިފި
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާތީ، އެ ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
މި ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ޝަރުތު އުނިވެ، ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ ކުރި އިއުލާނެއްގައި ބުނީ، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ފުރުސަތު ހުޅުވާލާނެ ކަމަށެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އެވެ. ކެންޑިޑެސީ ފޯމު އީމެއިލް މެދުވެރިކޮށް ([email protected]) ނުވަތަ ކޮމިޝަނަށް ހާޒިރުވެގެން ވެސް ހުށަހެޅޭނެ ކަމަށް އީސީން މައުލޫމާތުދެއެވެ.
Ads by BMLޕީއެންސީއަށް ނިސްބަތްވާ މެމްބަރު ސިނާންގެ ގޮނޑި ގެއްލުނީ، އިސްލާމިކް ބޭންކުން ނެގި 2.5 މިލިއަން ރުފިޔާގެ ލޯނަކަށް ފައިސާ ދެއްކުމަށް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އޭނާ އަމަލުކުރައްވާފައި ނުވާތީއެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ، ދަށު ކޯޓުން ކަނޑައެޅި މުއްދަތުގައި ސިނާން ފައިސާ ދައްކާފައި ނުވާކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށާއި، އެހެންކަމުން ގާނޫނުއަސާސީގައި ބުނާ ސާބިތު ދަރަނީގެ ޝަރުތު އޭނާގެ ކިބައިން އުނިވެފައިވާ ކަމަށެވެ.
މި އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، މުސްލިމަކަށްވުމާއި، އުމުރުން 18 އަހަރު ފުރިފައިވުން ހިމެނެއެވެ. އަދި ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ މީހަކަށް ނުވުމާއި، ޖިނާއީ ކުށެއްގެ ދިގު މުއްދަތުގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ވެގެން ނުވާނެއެވެ.
އަންނަ މަހުގެ 6 ވަނަ ދުވަހު ބާއްވާ މި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އަދި ރަސްމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ޖޫން 8 ގައެވެ.
މި އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން މިހާތަނަށް ތިން ބޭފުޅަކު ވަނީ ފާޅުކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ފަރާތުން ކުރީގެ މެމްބަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި، މީގެ ކުރިން ވެސް މަޖިލީހަށް ވާދަކުރެއްވި އަހުމަދު ސައީދު (ނަޔާ) ގެ އިތުރުން މުހައްމަދު އަލީއެވެ. ނަމަވެސް ސައީދާއި މުހައްމަދު އަލީ ވާދަކުރާނެ ޕާޓީއެއް ނުވަތަ ހައިސިއްޔަތެއް އަދި ކަށަވަރެއް ނުވެއެވެ.
Ads by MACL
