ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން; ކޮންގްރެސްގެ ޓިކެޓަށް އެދެން ހުޅުވާލައިފި
ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ގައި ވާދަކުރުމަށް ޝައުޤުވެރި ވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ރޭ ވަނީ ޖޫން 6 ގައި ބައި-އިލެކްޝަން ބާއްވާނެ ކަން އިއުލާނު ކޮށްފަ އެވެ. އެ ކޮމިޝަނުން ބުނީ ސުޕްރީމް ކޯޓުގެ ޤަޟިއްޔާއިން، ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ޙުކުމްކޮށްފައިވާތީ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން، ޖޫން 06 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
ސަރުކާރު ހިންގާ މައި ޕާޓީ ކޮންގްރެސް އިން ރޭ ބުނީ ޖޫން 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ޕާޓީގެ ޢާންމު މެންބަރުންނަށް އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު އަންގާރަ ދުވަހުން ފެށިގެން އޭޕްރިލް 19 ވާ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ.
ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މި ބައި އިލެކްޝަންގައި ވާދަކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފޯމު ހުށައެޅުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ސުންގަޑި ހަމަވާއިރު، ޝަރުޠުތައް ފުރިހަމަވާ އަދި ޕާޓީގެ އިންތިޚާބުތަކާއިގުޅޭ ޓެކްނިކަލް ކޮމިޓީއިން ބަލާ މިންގަނޑުތަކަށް ފެތޭ އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލާފައިވާނަމަ ޕާޓީގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓެއް ކަނޑައަޅާނީ އެފަރާތްތަކުގެމެދުގައި ބޭއްވޭ ޕާޓީގެ އެތެރޭގެ ޕްރައިމަރީ އަކުން ކަމަށް އެ ޕާޓީން ބުންޏެވެ.
Ads by BMLރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާނީ ޕާޓީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ. އަދި ހުށަހަޅާ ހުށައެޅުމާއެކު، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑް ފަދަ އެންމެހާ ލިޔެކިޔުންތައް އެކަމަށް އޮންނަ އިޖުރާއާތުތަކުގެ ތެރެއިން ހޯދާ އެ ލިޔެކިޔުންތައްވެސް ހުށަހަޅާންވާނެ ކަމަށް ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ކޮންގްރެސް ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ޝަރުތުތަކަކީ:
* ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭނެކަމަށް ޤާނޫނުތަކާއިގަވާއިދުތަކުގައި ކަނޑައަޅާފައިވާ އެންމެހާ ޝަރުޠުތައް ފުރިހަމަވެފައިވާކަން
* އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާކޮންގްރެސް ޕާޓީގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތަކަށްވުން ނުވަތަ، ކޮންގްރެސް ޕާޓީގެ މެންބަރަކަށްވުމަށް އެދި (ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަށް އެދި ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިޖުރާތުތަކާއި އެއްގޮތަށް) އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވާ ފަރާތަކަށްވުން.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ކޮންގްރެސް ޕާޓީގެ ޕްރައިމަރީގައި ވޯޓުދިނުމުގެ ޙައްޤު ލިބިދެވޭނީ، އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ކޮންގްރެސް ޕާޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންނަށާއި، 13 އޭޕްރިލްގެ އިރުއޮއްސި 6:00 ގެ ނިޔަލަށް، ކޮންގްރެސް ޕާޓީގެ މެންބަރަކަށްވުމަށް އެދި (ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަށް އެދި ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިޖުރާއާތުތަކާއި އެއްގޮތަށް) އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފަރާތްތަކަށެވެ. މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބޭ ފަރާތްތަކުގެ ލިސްޓު، 20 އޭޕްރިލް ވާ ހޯމަ ދުވަހު ޕާޓީގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެ ކަމަށް ވެސް ބުންޏެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ކޮންގްރެސް ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ، 25 އޭޕްރިލް ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 04:00 އަށެވެ.
ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން 2026 ގައި ވާދަކުރުމަށް (ޝަރުޠުތައް ފުރިހަމަވެގެން، އަދި ޕާޓީގެ އިންތިޚާބުތަކާއިގުޅޭ ޓެކްނިކަލް ކޮމިޓީއިން ބަލާ މިންގަނޑުތަކަށް ފެތިގެން) ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ، އިންތިޚާބުކުރުމަށް ކަނޑައަޅާފައިވާ ޢަދަދަށްކަމުގައިވާ ނަމަ، އެ ފަރާތަކަށް ކޮންގްރެސް ޕާޓީގެ ޓިކެޓު ކަނޑައެޅޭނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ކޮންގްރެސް ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ކަނޑައެޅޭ ޙާލަތުގައި، ވޯޓުލުމުގެ ކަންކަން ޕާޓީގެ ފަރާތުން އިންތިޒާމުކުރާނެ ކަމަށާ ޕްރައިމަރީގައި ކޮންގްރެސް ޕާޓީގެ މެންބަރުންނަށް ވޯޓު ލެވޭނީ، މި އިންތިޚާބުގައި ވޯޓު ލުމަށް ހިތަދޫ އުތުރު ދާއިރާގައި އަދި ވެރިރަށް މާލޭގައި ޕާޓީގެފަރާތުން ބަހައްޓާ ވޯޓު ފޮށިތަކަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ
Ads by MACL
