ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވަޒީރުންގެ އިސްތިއުފާއާއެކު އިންތިގާލީ ސަރުކާރަކަށް ނަޝީދު ގޮވާލައްވައިފި

ވަޒީރުންގެ އިސްތިއުފާއާއެކު އިންތިގާލީ ސަރުކާރަކަށް ނަޝީދު ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 10 ވަޒީރަކު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، މިއީ ރާއްޖޭގައި ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނޭ އިންތިގާލީ ސަރުކާރެއް އެކުލަވާލަންވީ ވަގުތުކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަން މިހާރު ހާމަވެފައިވާ ކަމަށެވެ. އަދި ހަމައެއާއެކު، ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ރައްޔިތުންގެ އިތުބާރުވެސް ގެއްލިފައިވާކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ މަސްރަހުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް ކުރަމުންދާކަންވެސް ނަޝީދު ފާހަގަކުރެއްވިއެވެ.

މި ނާޒުކު ޙާލަތުން ޤައުމު ސަލާމަތްކުރުމަށްޓަކައި، ދައުލަތުގެ އޮނިގަނޑަށާއި އަސާސީ ކަންކަމަށް ބޮޑެތި އިސްލާހުތަކެއް ގެންނަންޖެހޭކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެކަން ކުރެވޭނީ ހުރިހާ ސިޔާސީ ޕާޓީތަކެއް ބައިވެރިވާ އިންތިގާލީ ސަރުކާރެއް އުފައްދައި، އެ ސަރުކާރުގެ ބެލުމުގެ ދަށުން މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބާއްވައިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

https://twitter.com/MohamedNasheed/status/2044003521243087209?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2044003521243087209%7Ctwgr%5E7420f0e2062a3eedd157ec8a34ff6be7b991bfd0%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FMohamedNasheed%2Fstatus%2F2044003521243087209

ސަރުކާރުގެ 10 ވަޒީރަކު މިއަދު އިސްތިއުފާ ދެއްވާފައިވާއިރު، ރައީސް އޮފީހުން ހާމަކުރައްވާ ގޮތުގައި އެބޭފުޅުން މަޤާމުން ދުރަށްޖެހިވަޑައިގަތީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށްޓަކައި ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް މަގުފަހިކޮށްދެއްވުމުގެ ގޮތުންނެވެ.

ކެބިނެޓަށް މި ބޮޑު ބަދަލު އައިސްފައިމިވަނީ، ދާދި ފަހުން ބޭއްވި ލޯކަލް ކައުންސިލްގެ އިންތިޚާބުތަކުގައި ސަރުކާރު ހިންގާ މައި ޕާޓީއަށް ބޮޑެތި ނާކާމިޔާބީތަކަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.