ވީރާނާވެފައި އޮތް ސުނާމީ ބިނާ މައިޒާން، ބޮޑެތި ބަދަލުތަކަކާއެކު ހިތްގައިމު ޕާކަކަށް ބަދަލުކޮށްފި
މާލޭގެ އިރުދެކުނު ކަންމަތީގައި އޮންނަ ސުނާމީ ބިނާ މައިޒާން އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓި، ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފައި އޮތުމަށްފަހު، އެތަނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އާންމުންނަށް ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކޮށްލެވޭނެ ފަދަ ހިތްގައިމު ޕާކަކަށް އަލުން ތަރައްގީކޮށް ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން މިއަހަރުގެ ފެބްރުއަރީ މަހު ފެށި މި މަޝްރޫއުގެ ދަށުން، އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ވަނީ ޚާއްސަ ސަމާލުކަމެއް ދީފައެވެ. މީގެ ކުރިން އެ ސަރަހައްދުގެ ޝީޓްޕައިލްތައް ހަލާކުވެ ވެލިގަނޑު ގިރައިގެންދާތީ އޮތް ނުރައްކާ ހައްލުކުރުމަށް، ހުޅަނގު ފަރާތުގެ 75 މީޓަރުގެ ޝީޓް ޕައިލް ވަނީ މުޅިން އައުކޮށްފައެވެ. އަދި ތޮށިގަނޑު (ކީވޯލް) މަރާމާތުކޮށް، ކުޑަކުދިންނާއި އާންމުންނަށްވެސް ރައްކާތެރިކަމާއެކު އުޅެވޭނެހެން އެ ސަރަހައްދުގައި މިހާރު ވަނީ ފެންސް ޖަހާފައެވެ.
މި މަޝްރޫއުގެ ތެރެއިން ގެނެވުނު އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، ޕާކުގެ އެހެން ދިމާލަކަށް ސުނާމީ ބިނާ ބަދަލުކުރުމެވެ. މީގެ އިތުރުން، ހިނގާބިނގާވެ އުޅުމަށް ފަސޭހަ މަގުތަކާއި، އާއިލާތަކާއި ރައްޓެހިންނާއެކު އިށީނދެލައިގެން ތިބެވޭނެ ގިނަ ޖާގަތަކެއް ހަދައި، ގިނަ އަދަދަކަށް ގަސް އިންދައިގެން އެ މައިޒާން ވަނީ ވަރަށް ބޮޑަށް ފެހިކޮށްފައެވެ.
Ads by BMLސުނާމީ ބިނާ މައިޒާނުގެ އިތުރުން، މާލޭގައި އާންމުން އެއްވެ އުޅޭ އެހެނިހެން މައިދާންތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް މަރާމާތުކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން، ޖުމްހޫރީ މައިދާނާއި ސަލްޓަން ޕާކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، ރަސްފަންނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި އެ ސަރަހައްދުވެސް މިހާރު ވަނީ އާންމުންނަށް ނުވަދެވޭނެހެން ބަންދުކޮށްފައެވެ.
Ads by MACL
