ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާރިޗު މަހުގެ ދައުލަތުގެ އިމްޕޯޓް އެކްސްޕޯޓް އާމްދަނީ 351 މިލިއަނަށް

މާލޭ ވިޔަފާރި ބަނދަރު --- ފޮޓޯ: އަދަދު
މާލޭ ވިޔަފާރި ބަނދަރު --- ފޮޓޯ: އަދަދު

ނިމިދިޔަ މާރިޗު މަހުގެ ތެރޭގައި އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިން ދައުލަތަށް ލިބުނު އާމްދަނީ 351 މިލިއަން ރުފިޔާއަށް އަރައި، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ކުރިއެރުމެއް ހޯދައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރުގެ މާރިޗު މަހު މި ދާއިރާއިން ދައުލަތަށް ލިބިފައިވަނީ 350 މިލިއަން ރުފިޔާއެވެ.

ކަސްޓަމްސްގެ ރިޕޯޓުގައިވާ ގޮތުން، އާމްދަނީގެ އިތުރުން ރާއްޖެއަށް އެތެރެކުރި މުދަލުގެ މިންވަރުވެސް ވަނީ މިދިޔަ މަހު ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މާރިޗު މަހު ޖުމްލަ 5.7 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އިމްޕޯޓްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މާރިޗު މަހު އިމްޕޯޓްކުރި 4.4 ބިލިއަން ރުފިޔާގެ މުދަލާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު އިތުރުވުމެކެވެ.

ރާއްޖެއަށް އެތެރެކުރި މުދަލުގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ތެލުގެ ބާވަތްތަކަށެވެ. އެގޮތުން 1.60 ބިލިއަން ރުފިޔާގެ ތެޔޮ އެތެރެކޮށްފައިވާއިރު، 1.05 ބިލިއަން ރުފިޔާގެ ކާބޯތަކެއްޗާއި، 959 މިލިއަން ރުފިޔާގެ މެޝިނަރީއާއި މެކޭނިކަލް ސާމާނު ވެސް ވަނީ އެތެރެކޮށްފައެވެ. ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރި ގައުމުތަކުގެ ކުރީގައި އުޅެނީ އޮމާން (1.3 ބިލިއަން ރުފިޔާ)، ޗައިނާ (885 މިލިއަން ރުފިޔާ) އަދި އިންޑިއާ (806 މިލިއަން ރުފިޔާ) އެވެ.

އެކްސްޕޯޓްގެ ދާއިރާއަށް ބަލާއިރު، މާރިޗު މަހުގެ ތެރޭގައި 83 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުގެ ގައުމުތަކަށް ވަނީ ފޮނުވާފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ މަހުގެ އުފެއްދުންތަކެވެ. އެގޮތުން 51 މިލިއަން ރުފިޔާގެ ދަޅުމަހާއި 8 މިލިއަން ރުފިޔާގެ ރޯމަސް ބޭރުކޮށްފައިވެއެވެ. ރާއްޖޭގެ އުފެއްދުންތައް އެންމެ ގިނައިން ބޭރުކުރި ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، އިންޑިއާ އަދި ޖަރުމަނުވިލާތް ހިމެނެއެވެ.

މީގެ އިތުރުން، ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވިޔަފާރި މުދާ ހިފައިގެން މިދިޔަ މަހު 168 އުޅަނދެއް ރާއްޖެއަށް އައިސްފައިވާއިރު، 177 އުޅަނދެއް ވަނީ ރާއްޖެއިން ފުރާފައެވެ.