ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެހީއަށް ފެބްރުވަރީގައި އެކަނި 54 މިލިއަން ރުފިޔާ

އެންސްޕާ ---
އެންސްޕާ ---

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ މާލީ އެހީގެ ގޮތުގައި ނިމިދިޔަ ފެބްރުވަރީ މަހު 54.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައިވާކަން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.

އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފެބްރުވަރީ މަހު އެކަނިވެސް 14,993 އަށްވުރެ ގިނަ މީހުންނަށް ވަނީ މި އެހީ ފޯރުކޮށްދީފައެވެ.

މިއީ މިދިޔަ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާއިރު 993 މީހުންގެ އިތުރުވުމެކެވެ. ޑިސެންބަރު މަހު މި އެހީ ދީފައިވަނީ 14,000 މީހުންނަށެވެ. އެންސްޕާގައި މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 15,280 މީހަކު ރަޖިސްޓްރީކޮށްފައިވާއިރު، އޭގެ ތެރޭގައި އަލަށް ރަޖިސްޓްރީ ކުރި 62 މީހަކު ހިމެނެއެވެ.

މީގެ އިތުރުން، އިޖުތިމާއީ ރައްކާތެރިކަމުގެ އެހެން ދާއިރާތަކަށް ކުރި ޚަރަދުތަކަށް ބަލާއިރު، ފަގީރު ހާލަތުގައި އުޅޭ 706 ފަރާތަކަށް ކާބޯތަކެތީގެ އެހީގެ ގޮތުގައި 26,040 ރުފިޔާ ވަނީ ދޫކޮށްފައެވެ.

ހަމައެއާއެކު، މައިންބަފައިންގެ އެހީތެރިކަމެއް ނެތި ކުދިން ބަލަހައްޓާ ފަރާތްތަކަށް ދޭ އެހީގެ ގޮތުގައި 187,500 ރުފިޔާ ފެބްރުވަރީ މަހު ވަނީ ޚަރަދުކޮށްފައެވެ. މި އެހީ ލިބޭ 137 ކުޑަކުދިންނާއި 101 ބެލެނިވެރިން ތިބި ކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ.