މޯލްޑިވިއަން އިން އޮސްޓްރޭލިއާއަށް ކުރާ ސީދާ ދަތުރުތައް އަންނަ މަހު ފަށަނީ
ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، 'މޯލްޑިވިއަން' އިން އޮސްޓްރޭލިއާއަށް ކުރާ ސީދާ ވައިގެ ދަތުރުތައް އަންނަ މެއި މަހުގެ 17 ވަނަ ދުވަހު ފަށަން ނިންމައިފިއެވެ.
މިއީ ގައުމީ އެއާލައިނުން އޮސްޓްރޭލިއާއަށް ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ. މޯލްޑިވިއަންގެ އޮފިޝަލުންނާ ހަވާލާދީ މައުލޫމާތު ލިބިފައިވާ ގޮތުގައި، މި އައު ރޫޓުގައި ކޮންމެ ހަފްތާއަކުވެސް އެއް ފްލައިޓް އޮޕަރޭޓްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފެށުމުގެ މަގު ފަހިވެގެންދިޔައީ، މިދިޔަ މާރިޗު މަހުގެ 19 ވަނަ ދުވަހު ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސޮއިކުރެވުނު ވައިގެ ދަތުރުފަތުރުގެ ހާއްސަ އެއްބަސްވުމެއްގެ ދަށުންނެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެފައިވަނީ، ދެ ގައުމުގެ އޭވިއޭޝަން އިދާރާތަކުން ގާއިމުކުރި "ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމަންޓް" އަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
Ads by BMLވަޒީރު އަމީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އެއްބަސްވުމާއެކު ދެ ގައުމުގެ ދެމެދުގައި އެއާލައިންތަކުން އުދުހުންތައް ބޭއްވުމަށް ކުރިން އޮތް ހުރަސްތައް ނެތިގެންދާނެއެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށާއި، ވިޔަފާރީގެ އިތުރުން ދަތުރުފަތުރުގެ ދާއިރާއަށް އައު ކުރިއެރުންތަކަކާއި ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ އެތެރޭގެ އަދި ބޭރުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެގޮތުން ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުފަތުރުގެ ވިއުގަ ފުޅާކުރުމުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ދުނިޔޭގެ ނަންމަޝްހޫރު އެހެނިހެން އެއާލައިންތައް ރާއްޖެއަށް ގެނައުމަށްވެސް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
Ads by MACL
