ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދެ ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަންކުރަން މަޖިލީހުން ރުހުންދީފި

އަލީ ނަސީރުއާއި ޝާން ޝާކިރު-
އަލީ ނަސީރުއާއި ޝާން ޝާކިރު-

ދެ ގައުމަކަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުންގެ ގޮތުގައި ޑރ. އަލީ ނަސީރު މުހައްމަދާއި އައިޝަތު ޝާން ޝާކިރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

އެގޮތުން، އާޖެންޓީނާގެ ސަފީރަކަށް ޑރ. އަލީ ނަސީރު އަދި ބޮސްނިއާ އެންޑް ހެރްޒެގޮވީނާގެ ސަފީރަކަށް ޝާން އައްޔަންކުރަން ވަނީ ފާސްކޮށްފައެވެ.

މިހާރުވެސް އދ. ގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމު ފުރުއްވަމުން ގެންދަވާ ޑރ. އަލީ ނަސީރު، އާޖެންޓީނާގެ ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހުން ފާސްކުރީ 55 މެންބަރުންގެ ވޯޓުންނެވެ. ޑިޕްލޮމަސީގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ޑރ. އަލީ ނަސީރަކީ 1985 ވަނަ އަހަރުން ފެށިގެން ޚާރިޖީ ދާއިރާގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭގެ ތެރޭގައި އެމެރިކާ އަދި ކެނެޑާގެ ސަފީރުކަމާއި، ފޮރިން މިނިސްޓްރީގެ މަލްޓިލެޓަރަލް ސެކްރެޓަރީކަން ވެސް ހިމެނެއެވެ.

ބޮސްނިއާ އެންޑް ހެރްޒެގޮވީނާއަށް ކަނޑައަޅާ ސަފީރުކަމަށް 54 މެންބަރުންގެ ތާއީދާއެކު ރުހުންދިން ޝާން ޝާކިރަކީ މިހާރު ޖަރުމަނުވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރެވެ. އޭނާއަކީ ވެސް ޚާރިޖީ ދާއިރާގައި ފާހަގަކޮށްލެވޭ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމާއި، ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީކަމުގެ އިތުރުން ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް ޝާން ވަނީ މީގެ ކުރިން ކުރައްވާފައެވެ.

މި ދެ ބޭފުޅުން ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މާޗް މަހުގެ 8 ވަނަ ދުވަހުގައެވެ.