ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވަޠަނީ ޚިދުމަތުގެ ބިލު މަޖިލީހުން ބަލައިގަނެ، ދިރާސާކުރަން 241 ކޮމިޓީއަށް ފޮނުވައިފި

ވަޠަނީ ޚިދުމަތުގެ ބިލު މަޖިލީހުން ބަލައިގަނެ، ދިރާސާކުރަން 241 ކޮމިޓީއަށް ފޮނުވައިފި

ޒުވާނުންގެ ކިބައިގައި ޤައުމީ ރޫޙާއި ފަންނީ ހުނަރުވެރިކަން އަށަގެންނެވުމުގެ މަޤްޞަދުގައި ސަރުކާރުގެ ފަރާތުން ހުށަހެޅި "ވަޠަނީ ޚިދުމަތުގެ ބިލު" ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް މިއަދު ފޮނުވައިފިއެވެ.

ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުޙަތު މުޙައްމަދު ހުށަހެޅުއްވި މި ބިލަކީ، ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރި، ޖިސްމާނީ އަދި ފިކުރީ ގޮތުން ޤާބިލު ޖީލެއް ބިނާކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުމަށް ހުށަހެޅި ބިލެކެވެ. މި ބިލުގެ ދަށުން "ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް" ރަސްމީކޮށް ތަޢާރަފުވެގެންދާނެއެވެ.

މި ބިލުގައިވާ ގޮތުން، ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ބައްޓަންކުރަންވާނީ އަސާސީ ތަމްރީނުތަކުގެ އިތުރުން، ދައުލަތުގެ ޔުނިފޯމް އެޅި މުއައްސަސާއެއްގައި ޚިދުމަތް ކުރުމުގެ ބައިވެސް ހިމެނޭ ގޮތަށެވެ. އަދި މިއީ އިސްލާމީ އަގުތަކަށް އިހްތިރާމްކުރާ، ޤައުމިއްޔަތަށް އިސްކަންދޭ އަދި ޤައުމަށް ވަފާތެރި ޒުވާނުންތަކެއް ބިނާކުރުމަށް ހިންގޭ ޚާއްޞަ މަސައްކަތެކެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ޒުވާނުންނަށް ބޭނުންވާ ހުރުމާއި، ކެއުމާއި، ބޭސްފަރުވާގެ އިތުރުން ދަތުރުފަތުރުގެ ޚަރަދުތައް ހަމަޖައްސައިދޭނީ މިނިސްޓްރީ އޮފް ޑިފެންސްގެ ފަރާތުންނެވެ. މީގެ އިތުރުން، ޕްރޮގްރާމްގެ މުއްދަތުގައި ބައިވެރިންނަށް އެކަށީގެންވާ މާލީ އިނާޔަތެއް ދިނުމަށްވެސް ބިލުގައި ވަނީ ކަނޑައަޅާފައެވެ.

ބިލު ޤާނޫނަކަށް ވުމުން، މި މަސައްކަތްތައް ސުޕަވައިޒް ކުރުމަށް 'ގަވަރނިން ކައުންސިލެއް' އުފެދޭނެއެވެ. ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބަލަހައްޓަވާ މި ކައުންސިލްގައި ދިފާޢީ ވަޒީރާއި، ދާޚިލީ ވަޒީރާއި، މާލީ ވަޒީރުގެ އިތުރުން ސިފައިންނާއި ފުލުހުންގެ އެންމެ އިސްވެރިން ހިމެނިވަޑައިގަންނަވާނެއެވެ. ކައުންސިލްގެ ނައިބު ރައީސަކީ ދިފާޢީ ވަޒީރެވެ.