ބީއެމްއެލްގެ ނަމުގައި ފައިސާ ފޭރޭ ބަޔަކު އުޅޭތީ ސަމާލުވާން އަންގައިފި
އިނގިރޭސިބަހުން ފަރިތަކަމާއެކު ވާހަކަދައްކައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން ކަމަށް ހެދިގެން މީހުންގެ އަތުން ފައިސާ ފޭރުމަށް އާ އުކުޅުތަކެއް ބޭނުންކުރަމުންދާތީ، އެކަމަށް އާންމުން ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ފޭސްބުކްގައި އާންމުކުރި މައުލޫމާތެއްގައި ބުނެފައިވަނީ، މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުން މިހާރު ކޯލްކުރާއިރު ބޭނުންކުރަނީ ވަރަށް ފަރިތަކޮށް އިނގިރޭސިބަހުން މުއާމަލާތްކުރުމުގެ އުކުޅު ކަމަށެވެ. އަދި އާންމުންނަށް އޮޅުވާލުމަށްޓަކައި، ބޭންކުގެ ރަސްމީ އީމެއިލްއާ އެއްގޮތްކުރުމުގެ ގޮތުން "[email protected]" ފަދަ އާދައިގެ ޖީމެއިލް އެކައުންޓްތައް ބޭނުންކުރާކަންވެސް ވަނީ ފާހަގަކޮށްފައެވެ.
މިގޮތަށް ގުޅާ މީހުން އާންމުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށްޓަކައި އެކައުންޓުގައި މައްސަލަތަކެއް އުޅޭކަމަށް ބުނެއެވެ. އަދި ވަގުތުން މައުލޫމާތު ކަށަވަރު ނުކޮށްފިނަމަ އެކައުންޓް ބްލޮކްކޮށްލާނެ ކަމަށް ބުނެ، ބިރުދައްކައިގެން އަވަސްއަރުވާލައިގެން ކަސްޓަމަރުންގެ ޒާތީ ބޭންކިންގ މައުލޫމާތުތައް ހޯދަން މަސައްކަތްކުރާ ކަމަށް ފުލުހުން ބުނެއެވެ.
Ads by BMLމި މައްސަލައާ ގުޅިގެން އެންޓި ސްކޭމް ސެންޓަރުން ވަނީ ވަރަށް މުހިންމު ކަންތައްތަކެއް ހަނދާންކޮށްދީފައެވެ. އެގޮތުން، އެއްވެސް ބޭންކަކުން ކަސްޓަމަރުންނާ މުއާމަލާތްކުރަން ޖީމެއިލް ފަދަ އާންމު އީމެއިލްތައް ބޭނުންނުކުރާނެ ކަމަށާއި، ފޯނުން ގުޅައިގެން އޯޓީޕީ ނުވަތަ ޕިން ނަންބަރު ފަދަ ސިއްރު މައުލޫމާތު ނާހާނެކަން ވަނީ ޔަގީންކޮށްދީފައެވެ. މީގެ އިތުރުން، ގުޅާ މީހަކު ފަރިތަކަމާއެކު އިނގިރޭސިން ވާހަކަދެއްކި ނަމަވެސް އެއީ ބޭންކުގެ މުވައްޒަފަކަށް ނުވެދާނެކަން ދެނެގަތުމަށްވެސް ވަނީ އެދިފައެވެ.
ސްކޭމް ކޯލުތަކުން ރައްކާތެރިވުމަށްޓަކައި، ޝައްކުވާފަދަ ކޯލެއް އަތުވެއްޖެނަމަ ވީހާވެސް އަވަހަކަށް ފޯނު ކަނޑާލުމަށް ފުލުހުން އިރުޝާދުދެއެވެ. އަދި އަމިއްލަ އެކައުންޓުގެ އެއްވެސް މައުލޫމާތެއް ހިއްސާނުކުރުމަށާއި، ކަމެއް ސާފުކުރަން ބޭނުންވާނަމަ ބޭންކުގެ ރަސްމީ ހޮޓްލައިނަށް ގުޅުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން މިފަދަ ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އަމިއްލަ ފައިސާއާއި މުދާ ރައްކާތެރިކުރުމަށް އާންމުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވުމަކީ މުހިންމު ކަމެއްކަން ފުލުހުން ތަކުރާރުކޮށް ފާހަގަކުރެއެވެ.
Ads by MACL
