އީރާނަށް ހަތިޔާރު ނުފޮނުވުމަށް ޗައިނާއިން އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނަށް ހަތިޔާރު ސަޕްލައި ނުކުރުމަށް ޗައިނާއިން އެއްބަސްވެފައިވާ ކަމަށާއި، އެކަމާ ގުޅިގެން ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް ހާމަކުރެއްވި ގޮތުގައި، ސްޓްރެއިޓް އޮފް ހޯމޫޒް ދާއިމީކޮށް ހުޅުވާލުމަށް އެމެރިކާއިން ނިންމި ނިންމުމާމެދު ޗައިނާއިން އޮތީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. މިއީ ބައިނަލްއަގުވާމީ ވިޔަފާރިއާއި ހަކަތައިގެ ރައްކާތެރިކަމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
"ސްޓްރެއިޓް އޮފް ހޯމޫޒް ދާއިމީކޮށް ހުޅުވާލުމުން ޗައިނާ އޮތީ ވަރަށް އުފަލުން. އަދި އީރާނަށް ހަތިޔާރު ނުފޮނުވުމަށް އެގައުމުން މިހާރު ވަނީ އެއްބަސްވެފައި،" ޓްރަމްޕް ވިދާޅުވިއެވެ.
ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި ޗައިނާއަށް ކުރައްވާ ދަތުރުފުޅާ ބެހޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެ ދަތުރުފުޅުގައި ރައީސް ޝީ ޖިންޕިންއާ ބައްދަލުވެވަޑައިގަތުމުން ވަރަށް ހޫނު މަރުހަބާއެއް ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑު އެތަނަށް ދިއުމުން ރައީސް ޝީ އަޅުގަނޑުގެ ގައިގައި ވަރަށް ބާރަށް ބައްދާލާނެ،" ޓްރަމްޕް ވިދާޅުވިއެވެ.
މި އެއްބަސްވުމަކީ މެދުއިރުމަތީގެ މަސްރަހަށާއި އެމެރިކާ-ޗައިނާގެ ގުޅުމަށް އަންނާނެ ބޮޑު ބަދަލެއްގެ ގޮތުގައި ސިޔާސީ ދާއިރާގެ މާހިރުން ދެކެއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ޗައިނާ ސަރުކާރުން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
Ads by MACL
