ތަފާދު ދެއްކީ ސެންޓޭ، ހެޓްރިކް ހަދާ ޓީމު އެފްއޭކަޕް ފައިނަލަށް ވެސް ގެންގޮސްދީފި
އަލީ ފާސިރު (ސެންޓޭ) ގެ ހެޓްރިކާ އެކު، ބްލޫ ސްޕޯޓްސް ކްލަބް 7-0 އިން ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެފްއޭ ކަޕް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި އެވެ. ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގައި ނިއު އިން ވަނީ ފުރަތަމަ ހާފުގައި އެކަނި ވެސް ފަސް ލަނޑު ޖަހައި ބޮޑު ލީޑެއް ނަގައިފަ އެވެ.
މެޗުގެ ފުރަތަމަ ހާފު
މެޗު ފަށައިގެން ތިންވަނަ މިނިޓްގައި ނިއު އިން ވަނީ ލީޑު ނަގައިފަ އެވެ. މިއީ ސެންޓޭ ނެގި ހުރަހަކުން އެ ޓީމުގެ ސިއެރަ ލިއޯން މިޑްފީލްޑަރު ޔާޔާ ބިލިޓީ ކާމިޔާބު ކުރި ލަނޑެކެވެ. އޭގެ ފަހުން 17 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ސެންޓޭ ވަނީ ނިއުގެ ދެވަނަ ލަނޑު ޖަހައިފަ އެވެ. މި ޕެނަލްޓީއަކީ ބްލޫގެ ޑިފެންޑަރު މައިކަލް އަކުއާޔޭ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.ނިއުގެ ތިންވަނަ ލަނޑު 20 ވަނަ މިނިޓްގައި ޖެހީ ނައިޖީރިއާ ފޯވާޑް އަލް ހާޖީ ގޭރޯ އެވެ. އޭނާ މި ލަނޑު ޖެހީ ބްރެޒިލް މިޑްފީލްޑަރު ގޯމޭސް ޑަ ސިލްވާ ނެގި ހިލޭ ޖެހުމަކުން ބޮލުންނެވެ. މެޗުގެ 40 ވަނަ މިނިޓްގައި ހަސަން ރާއިފް އަހުމަދު (ހަންނަ) ހަތަރުވަނަ ލަނޑު ޖެހިއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ގޭރޯ ވަނީ އޭނާގެ ދެވަނަ ލަނޑާ އެކު ނިއުގެ ފަސްވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
ދެވަނަ ހާފާއި ސެންޓޭގެ ހެޓްރިކް
ދެވަނަ ހާފު ފަށައިގެން ދެވަނަ މިނިޓްގައި ސެންޓޭ ވަނީ ނިއުގެ ހަވަނަ ލަނޑު ޖަހައިފަ އެވެ. މި ހާފުގައި ނިއު އިން ވަނީ ތަޖުރިބާކާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އާއި މުހައްމަދު ފާސިރު (ފާއްޓެ) ގެ އިތުރުން އަހުނަފް ރަޝީދު (އަހުއްކޮ) ކުޅެން އަރުވައިފަ އެވެ. ސެންޓޭ އޭނާގެ ހެޓްރިކް ފުރިހަމަކުރީ 81 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.
މުބާރާތުގެ ތާރީޚާއި ކުރިއަށް އޮތް މެޗުތައް
އެފްއޭ ކަޕްގެ 12 ފަހަރުގެ ޗެމްޕިއަން ނިއު ރޭޑިއަންޓަކީ އެންމެ ފަހުން 2017 ވަނަ އަހަރު ބޭއްވި މުބާރާތުގެ ވެސް ފައިނަލިސްޓުންނެވެ. 2020 އާއި 2022 ވަނަ އަހަރުގެ މުބާރާތް ބޭއްވިއިރު އެ ޓީމު އޮތީ ސަސްޕެންޝަނެއްގަ އެވެ. ތިންވަނަ ޑިވިޝަނުގެ ބްލޫ ސްޕޯޓްސް ކްލަބަކީ ކުއާޓާ ފައިނަލުގައި އީގަލްސް ކަޓުވާލުމަށްފަހު ސެމީއަށް ދަތުރުކުރި ޓީމެކެވެ.
ހޮނިހިރު ދުވަހުގެރޭ ކުޅޭ ފައިނަލުގައި ނިއުއާ ދެކޮޅަށް ކުޅޭނެ ޓީމެއް އެނގޭނީ މިރޭ ޓީސީ ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބް ކުޅޭ ދެވަނަ ސެމީ ފައިނަލް މެޗުންނެވެ. އެ މެޗުން ބަލިވާ ޓީމެއް ތިންވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ ބްލޫއާ އެވެ.
Ads by BML
Ads by MACL
