ވޯލްޑް ކަޕް 2026: އީރާނުން ކުޅޭނެ، އެހެން ނަމަވެސް މެޗުތައް މެކްސީކޯއަށް ބަދަލުކޮށްދީފިނަމަ
އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގައި އީރާންގެ ގައުމީ ޓީމު ބައިވެރިވުމާ މެދު އެ ގައުމުގެ ސަރުކާރުން ގޮތެއް ނިންމާނީ، އީރާންގެ މެޗުތައް ކުޅޭ ތަން ބަދަލުކުރުމާ ގުޅޭގޮތުން ފީފާއަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ޖަވާބެއް ލިބުމުން ކަމަށް އީރާންގެ މިނިސްޓަރ އޮފް ސްޕޯޓްސް އަހުމަދު ދުންޔާމަލީ ވިދާޅުވެއްޖެއެވެ.
އީރާންގެ ފުޓްބޯޅަ ފެޑެރޭޝަނުން ދަނީ އެ ގައުމުން ގްރޫޕް ސްޓޭޖުގައި ކުޅެންޖެހޭ ތިން މެޗު އެމެރިކާގެ ބަދަލުގައި މެކްސިކޯއަށް ބަދަލުކުރުމަށް ބާރުއަޅަމުންނެވެ. މިގޮތަށް ހުށަހަޅާފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގައި އިޒްރޭލާއެކު އެމެރިކާގެ އަސްކަރިއްޔާއިން ބައިވެރިވަމުންދާ ކަމަށް ބުނެއެވެ. އީރާންގެ ކުޅިވަރު ވުޒާރާއިން މިހާރު ވަނީ އެ ގައުމުން ދުޝްމަން ގައުމުތަކުގެ ގޮތުގައި ބަލާ ގައުމުތަކަށް ކުޅިވަރު ޓީމުތައް ދަތުރުކުރުން މަނާކޮށްފައެވެ.
މި މައްސަލައާ ގުޅޭގޮތުން ތުރުކީގެ އަނަޑޯލޫ ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ދުންޔާމަލީ ވިދާޅުވީ، "އެމެރިކާގެ ބަދަލުގައި މެކްސިކޯގައި މެޗުތައް ކުޅުމަށް ފީފާގައި އެދުނު އެދުމަށް އަދި ވެސް ޖަވާބެއް ނުލިބޭކަމަށާއި އެކަން ގަބޫލުކޮށްފިނަމަ އީރާން ވޯލްޑް ކަޕްގައި ބައިވެރިވުން ޔަގީންވާނެ ކަމަށެވެ. އަދި މިނިސްޓްރީއާއި ފެޑެރޭޝަނުން ޓީމު ތައްޔާރުކުރި ނަމަވެސް، އެންމެ ފަހުގެ ނިންމުން ނިންމާނީ ސަރުކާރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
Ads by BMLނަމަވެސް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިދިޔަ ހަފްތާގައި ވިދާޅުވެފައިވަނީ އީރާންގެ މެޗުތައް ކުރިއަށްދާނީ ތާވަލުކުރެވިފައިވާ ގޮތަށް އެމެރިކާގައި ކަމަށެވެ. އީރާން ހިމެނޭ ގްރޫޕް ޖީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ލޮސް އެންޖެލިސްގައާއި ސިއެޓްލްގައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އީރާން ޓީމަށް އެމެރިކާގައި ކުޅެވޭނެ ކަމަށާއި، ނަމަވެސް އެއީ އެމީހުންގެ ސަލާމަތަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެދާނެ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ދުންޔާމަލީ އިތުރަށް ވިދާޅުވީ، ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމުގެ ފުރިހަމަ ގެރެންޓީއެއް ނެތް ހާލަތެއްގައި އީރާން ޓީމު އެމެރިކާއަށް ދިއުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ. ވޯލްޑް ކަޕް ފެށެން ކައިރިވެފައިވާއިރު، އެފަދަ ޔަގީންކަމެއް ލިބުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ޖޫން 11 އިން ޖުލައި 19 އަށެވެ.
މި މައްސަލައިގައި ފީފާއިން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
Ads by MACL
