ނޭމާ ވޯލްޑް ކަޕަށް ނެގުމާ މެދު އަންޗެލޮޓީ ބްރެޒިލްގެ ރައީސްގެ ލަފަޔަކަށް އެދިއްޖެ
މި އަހަރުގެ ވޯލްޑް ކަޕަށް ބްރެޒިލްގެ ސްކޮޑް އެކުލަވާލާއިރު، ތަރި ނޭމާ ޖޫނިއާ ހިމެނުމާ މެދު ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ އެ ގައުމުގެ ރައީސް ލޫލާގެ ލަފަޔަކަށް އެދިއްޖެއެވެ. ސަންތޯސްއަށް ކުޅެމުންދާ ނޭމާގެ ބައިނަލްއަގުވާމީ މުސްތަގުބަލާ މެދު ގައުމީ ފެންވަރުގައި ބޮޑު ބަހުސެއް އުފެދިފައިވަނީ އޭނާއަށް ކުރިމަތިވަމުންދާ އަނިޔާގެ މައްސަލަތަކާ ގުޅިގެންނެވެ.
ބްރެޒިލްގެ ރައީސް ލޫލާގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އަންޗެލޮޓީ އޭނާއާ ސުވާލުކުރީ ނޭމާ އަލުން ގައުމީ ޓީމަށް ގެނައުމާ މެދު އާންމުންނާއި ސިޔާސީ މައިދާނުގެ ވިސްނުން ހުރި ގޮތް ބެލުމަށެވެ.
"އަންޗެލޮޓީ އަހަރެންގެ ކައިރީގައި އެހި ނޭމާ ގައުމީ ޓީމަށް ނަގަން ފެނޭތޯ. އަހަރެން ބުނިން އޭނާ ފިޓްނަމަ އެއީ ހުނަރުވެރި ކުޅުންތެރިއެކޭ، އެކަމަކު ބަލަންވީ އޭނާ ހަގީގަތުގައި ވެސް ކުޅެން ބޭނުންވޭތޯ،" ރައީސް ލޫލާ ވިދާޅުވިއެވެ.
ރައީސް ލޫލާ އިތުރަށް ވިދާޅުވީ ނޭމާ އަކީ އަދި މާ މުސްކުޅި ކުޅުންތެރިއެއް ނޫން ކަމަށާއި، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ ފަދައިން އޭނާއަށް ވެސް ގައުމީ ޓީމުގައި ކުރިއަށް ދެވިދާނެ ކަމަށެވެ. ނަމަވެސް ހަމައެކަނި ނަމަށް ބަލައިގެން ޓީމުން ފުރުސަތު ނުލިބޭނެ ކަމަށާއި، ދަނޑުމަތީގައި އޭނާގެ ފެންވަރު ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ކޯޗު އަންޗެލޮޓީގެ ވިސްނުން ހުރީ ހަމައެކަނި ފިޓް ކުޅުންތެރިންނަށް ފުރުސަތު ދިނުމަށެވެ. އޭނާ ވިދާޅުވީ ނޭމާގެ ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވަމުން އަންނަ ކަމަށާއި، ނަމަވެސް ވޯލްޑް ކަޕަށް ދާނީ ފިޒިކަލީ އެންމެ ފިޓް ކުޅުންތެރިން ކަމަށެވެ.
"ނޭމާ މިހާރު ހުރީ ރަނގަޅު ހާލަތެއްގައި. އޭނާގެ ފިޓްނަސް ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުންނާއި އަހަރެން ވެސް ދަނީ ބަލަމުން. ވޯލްޑް ކަޕަށް ދެވޭނެ ފެންވަރު ހުރިކަން ސާބިތުކޮށްދޭން އޭނާއަށް އަދި ދެ މަސް އެބައޮތް،" އަންޗެލޮޓީ ބުންޏެވެ.
ނޭމާގެ މިހާރުގެ ކްލަބް ސަންތޯސްއިން ދަނީ އޭނާގެ ފިޓްނަސް ރަނގަޅު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާރިޗު މަހުގެ ބައިނަލްއަގުވާމީ ބްރޭކްގައި އޭނާގެ ކަކުލަށް ހާއްސަ ޕީ.އާރް.ޕީ ޓްރީޓްމަންޓެއް ދީފައިވާ ކަމަށް އެ ކްލަބުގެ މެނޭޖަރު ކޫކާ ވަނީ ހާމަކޮށްފައެވެ.
Ads by BMLމި ބަހުސް ކުރިއަށްދާއިރު، ޒުވާން ކުޅުންތެރިން ތިބީ ނޭމާގެ ދިފާއުގައެވެ. ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް ބުނީ ނޭމާ އަކީ އޭނާގެ ނަމޫނާ ކަމަށާއި، 2026 ގެ ވޯލްޑް ކަޕުން އޭނާ ފެނުމަކީ ދެކޭ ހުވަފެނެއް ކަމަށެވެ.
Ads by MACL
