ބާސެލޯނާ ކެޓުމުން ރެއާލް ސަޕޯޓަރުންނަށް ލިބުނު އުފާވެރިކަން ފެނަށް، ރެއާލް ވެސް ކަޓައިފި!
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 4-3 އިން ކާމިޔާބުކޮށް، އެގްރިގޭޓް 6-4 ގެ ނަތީޖާއަކުން ބަޔާން މިއުނިކް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފަހު ވަގުތު ލުއިސް ޑިއާޒް އާއި މައިކަލް އޮލީސޭ ޖެހި ލަނޑުތަކުން އެ ޓީމަށް ވަނީ ބޮޑު މޮޅެއް ހޯދައިދީފައެވެ.
މެޗުގެ ފުރަތަމަ ހާފު ފެނިގެންދިޔައީ ވަރަށް ފޯރިގަދަކޮށެވެ. މެޗުގެ ފުރަތަމަ މިނެޓުގައި ބަޔާންގެ ކީޕަރު މެނުއަލް ނޯޔާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އާޑާ ގުލާ ވަނީ ރެއާލަށް ކުރިހޯދައިދީފައެވެ. އޭގެ ފަހުން އަލެކްސަންޑަރ ޕަވްލޮވިޗް ބަޔާންއަށް ނަތީޖާ ހަމަހަމަކޮށްދީފައި ވަނިކޮށް، 29 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ގުލާ ވަނީ އަލުން ރެއާލަށް ލީޑު ހޯދައިދީފައެވެ. ނަމަވެސް ހެރީ ކޭން ވަނީ އޭނާ މި ސީޒަނުގައި ކާމިޔާބުކުރި 12 ވަނަ ލަނޑާއެކު އަނެއްކާވެސް ނަތީޖާ ހަމަހަމަކޮށްފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކީލިއަން އެމްބާޕޭ ވަނީ 3-2 އަށް ރެއާލަށް ލީޑު ފުޅާކޮށްދީފައެވެ.
މެޗުގެ ފަހުބައިގައި މުޅިން އޮއިވަރު ބަދަލުވެގެންދިޔައީ 86 ވަނަ މިނެޓުގައި ރެއާލްގެ އެޑުއާޑޯ ކަމަވިންގާއަށް ދެއްކި ދެވަނަ ރީނދޫ ކާޑާއެކު އޭނާ ދަނޑުން ފޮނުވާލުމުންނެވެ. މި ފުރުސަތުގެ ފައިދާ ނަގައި، 89 ވަނަ މިނެޓުގައި ލުއިސް ޑިއާޒް ނަތީޖާ ހަމަހަމަކުރިއިރު، އިތުރު ވަގުތުގެ ތެރޭގައި އޮލީސޭ ވަނީ ބަޔާން މޮޅުވި ލަނޑު ޖަހައިދީފައެވެ. މެޗު ނިމުމަށްފަހު ރެއާލްގެ ކުޅުންތެރިން ވަނީ ރެފްރީގެ ނިންމުންތަކާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މި ހަމަނުޖެހުންތަކުގެ ތެރޭގައި ގުލާއަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ.
ރެއާލްގެ މެނޭޖަރު އަލްވާރޯ އާބެލޯއާ ބުނީ ރެފްރީގެ ނިންމުމާމެދު ޓީމު އޮތީ ވަރަށް ބޮޑަށް ރުޅިއައިސްފައި ކަމަށެވެ.
"މިފަދަ މެޗެއްގައި އެފަދަ އާދައިގެ ކަމަކަށް ކުޅުންތެރިއަކު ދަނޑުން ފޮނުވާލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން" އޭނާ ބުންޏެވެ.
އަނެއްކޮޅުން ބަޔާންގެ ހެރީ ކޭން ބުނީ މިއީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި، ރެއާލް ކަހަލަ ޓީމެއް ބަލިކުރެވޭނީ އެންމެ މަތީ ފެންވަރުގައި ކުޅެގެން ކަމަށެވެ. ކޭން ވަނީ މި ސީޒަނުގައި 50 ލަނޑު ހަމަކުރުމުގެ އުފާވެސް ފާޅުކޮށްފައެވެ.
އާސެނަލްވެސް ސެމީ ފައިނަލަށް
ބުދަ ދުވަހުގެ ރޭ ކުޅުނު އަނެއް ކުއާޓާ ފައިނަލްގައި އާސެނަލް ވަނީ ސްޕޯޓިން ލިޒްބަންއާ 0-0 އިން އެއްވަރުކޮށް، އެގްރިގޭޓް 1-0 ގެ ނަތީޖާއަކުން ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. މިއީ އާސެނަލްގެ ފަރާތުން ފެނުނު އެންމެ ރަނގަޅު ކުޅުން ކަމަށް ނުވިޔަސް، ފުރަތަމަ ލެގުގައި ހޯދި ލީޑާއެކު އެ ޓީމަށް ވަނީ ކުރިއަށް ދިއުމުގެ ފުރުސަތު ލިބިފައެވެ.
މުބާރާތުގެ ސެމީ ފައިނަލްގައި ބަޔާން މިއުނިކް ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީއާއެވެ. އަދި އާސެނަލް ނުކުންނާނީ ބާސެލޯނާ ބަލިކޮށް ސެމީއަށް ދަތުރުކުރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.
Ads by MACL
