ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދުޅަހެޔޮކަމާއި ޓީމް ރޫޙު އާލާކުރަން "ވީރަން މޯލްޑިވްސް" އާއެކު ބީއެމްއެލް އިން ޕާޓްނަރޝިޕް ހަދައިފި

"ވީރަން މޯލްޑިވްސް" އާއެކު ބީއެމްއެލް އިން އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން --
"ވީރަން މޯލްޑިވްސް" އާއެކު ބީއެމްއެލް އިން އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން --

ދުޅަހެޔޮކަމާއި ޓީމް ރޫޙު އާލާކުރުމުގެ މަޤްޞަދުގައި، "ވީރަން މޯލްޑިވްސް" އިން އިންތިޒާމުކޮށްގެން ބާއްވާ ޚާއްޞަ "ކޯޕަރޭޓް ރަން" ގެ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައި، ދެ ފަރާތުގެ ދެމެދުގައި މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް މި ދުވުން އިންތިޒާމުކޮށް ކުރިއަށްގެންދިއުމުގައި ބީއެމްއެލް އިން ވީރަން މޯލްޑިވްސްއަށް ފުރިހަމަ މާލީ އަދި ފަންނީ އެއްބާރުލުން ދޭނެއެވެ. ސަރުކާރުގެ މުއައްސަސާތަކާއި، ކުންފުނިތަކުގެ އިތުރުން ޖަމިއްޔާ ޖަމާޢަތްތަކަށް އަމާޒުކޮށްގެން ބާއްވާ މި ހަރަކާތުގެ ފުރަތަމަ ދުވުން މިއަހަރުގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޯޕަރޭޓް ރަން ފަރުމާކޮށްފައިވަނީ ތަފާތު ގޮތަކަށެވެ. މިއީ ކޮންމެ ޓީމެއްގައި 5 މެންބަރުން ހިމެނޭގޮތަށް، ކޮންމެ މެންބަރަކު 1 ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކުރާ ގޮތަށް ބާއްވާ ރިލޭ ރޭހެކެވެ. މިއީ އޮފީސް މާހައުލުން ބޭރުގައި މުވައްޒަފުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ކުޅިވަރުގެ ރޫޙާއެކު ދުޅަހެޔޮ ދިރިއުޅުމަކަށް ހިތްވަރުދިނުމަށް ފަހިކޮށްދެވޭ ރަނުގެ ފުރުޞަތެއްކަމަށް ބީއެމްއެލް އިން ދެކެއެވެ.

ޤައުމީ ފެންވަރުގައި ހިންގޭ މިފަދަ ހަރަކާތްތަކަށް ބީއެމްއެލް އިން އަބަދުވެސް އަންނަނީ ބޮޑު އަހަންމިއްޔަތުކަމެއް ދެމުންނެވެ. އެގޮތުން ކުޅިވަރު ކުރިއެރުވުމަށާއި، ޒުވާނުން ބާރުވެރިކުރުވުމުގެ އިތުރުން މަސައްކަތުގެ މާހައުލުގައި ދުޅަހެޔޮކަން ޤާއިމްކުރުމަށް އެހީތެރިވުމަކީ ބޭންކުން މެދުކެނޑުމެއްނެތި ކުރަމުން އަންނަ މުހިންމު މަސައްކަތެކެވެ.