ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބައްޕަ ކިޔަވާވިދާޅުވި ޔުނިވާސިޓީން މާހިލް މަތީ ވަނައެއް ހާސިލުކުރައްވައިފި

ޝަހީމް ޕީއެޗްޑީ ހެއްދެވި ޔުނިވާސިޓީއިން ދަރިކަލުން މާހިލްއަށް އެކްސަލެންސް އެވޯޑް --- ފޮޓޯ: މިނިސްޓަރު ޝަހީމް
ޝަހީމް ޕީއެޗްޑީ ހެއްދެވި ޔުނިވާސިޓީއިން ދަރިކަލުން މާހިލްއަށް އެކްސަލެންސް އެވޯޑް --- ފޮޓޯ: މިނިސްޓަރު ޝަހީމް

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ޕީއެޗްޑީ ހާސިލުކުރެއްވި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ (އައިއައިޔޫއެމް) އިން، އެމަނިކުފާނުގެ ދަރިކަލުން އަބްދުﷲ މާހިލް އަލީ ޝަހީމް ތައުލީމީ ގޮތުން ބޮޑު ކާމިޔާބީއެއް ހޯއްދަވައިފިއެވެ.

މާހިލް މި ޔުނިވާސިޓީން ފުރިހަމަކުރެއްވީ ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީއެވެ. ކިޔެވުމުގައި ދެއްކެވި ފާހަގަކޮށްލެވޭ ހުނަރުވެރިކަމާއެކު، އޭނާ ވަނީ އެ ފެކަލްޓީން ދޭ "އެކަޑަމިކް އެކްސަލެންސް އެވޯޑު" ހާސިލުކުރައްވާފައެވެ. މީގެ އިތުރުން، އެ ޔުނިވާސިޓީގެ އެންމެ މޮޅު ދަރިވަރުންނަށް ދޭ ޝަރަފުވެރި "ރެކްޓާސް އެވޯޑު" އަށް ވެސް މާހިލް ވަނީ ނޮމިނޭޓްވެފައެވެ.

ދަރިކަލުންގެ މި ފަޚުރުވެރި ކާމިޔާބީއާ ގުޅިގެން ޑރ. ޝަހީމް ސޯޝަލް މީޑިއާގައި ވަނީ އުފާފާޅުކުރައްވައި މާހިލްއަށް ތަހުނިޔާ ވިދާޅުވެފައެވެ. ޝަހީމް ވިދާޅުވީ މިއީ މުޅި އާއިލާގެ އިތުރުން ގައުމުވެސް ފަޚުރުވެރިވާ ފަދަ ކާމިޔާބީއެއް ކަމަށެވެ. އަދި ދަރިކަލުންގެ ކުރިމަގަށް އުޖާލާ ކާމިޔާބީއަކަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

އައިއައިޔޫއެމްއަކީ ޑރ. ޝަހީމްގެ ތައުލީމީ ހަޔާތުގެ މުހިންމު ބިންގަލަކަށް ވާއިރު، އެ ބިންގަލުގެ މަތީގައި ދަރިކަލުން މިއަދު އެ ހޯއްދެވި ރަންވަނައަކީ އާއިލާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.