ޔޫއެންއޯޑީސީން ދިން ޓެސްޓް ކިޓުތައް ފުލުހުންނާއި ކަސްޓަމްސްއާ ހަވާލުކޮށްފި
ރާއްޖޭގައި މަސްތުވާތަކެތި ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ހަދިޔާކުރި ޒަމާނީ ޑްރަގް ޓެސްޓް ކިޓުތައް މިއަދު މޯލްޑިވްސް ޕޮލިސް ސާވިސްއާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި ވަސީލަތްތަކަކީ މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތުގައި ތަހުގީގީ އިދާރާތަކަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެކެވެ.
މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ތަކެތި ފުލުހުންނާއި ކަސްޓަމްސްއާ ހަވާލުކޮށްފައިވާއިރު، މިއީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޔޫއެންއޯޑީސީން ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އަށް ހަދިޔާކޮށްފައިވާ ތަކެއްޗެވެ.
Ads by BMLމި އެހީގެ ދަށުން ޖުމްލަ 30 ޑްރަގް ޓެސްޓް ކިޓާއި، 30 ޕްރިކާސާރ ކެމިކަލް ކިޓުގެ އިތުރުން 180 ޕޮކެޓް ކެމިކަލް ޓެސްޓް ކިޓް ރާއްޖެއަށް ވަނީ ލިބިފައެވެ. އަދި މި ވަސީލަތްތައް ބޭނުންކުރާނެ ގޮތް ކިޔައިދޭ ތަމްރީން ވީޑިއޯތައް ހިމެނޭ 5 ޔޫއެސްބީ ޑްރައިވްވެސް ވަނީ ހަދިޔާކޮށްފައެވެ. މި ތަކެތި ދެ މުއައްސަސާގެ މެދުގައި ބަހާލާފައިވަނީ މަސައްކަތުގެ ދާއިރާ ހުރިގޮތަށް ބަލައިގެންނެވެ. އެގޮތުން ކަސްޓަމްސްއަށް 20 ޑްރަގް އަދި ޕްރިކާސާރ ކިޓާއި 60 ޕޮކެޓް ކިޓް ހަވާލުކުރިއިރު، ފުލުހުންނަށް ވަނީ 40 ޑްރަގް އަދި ޕްރިކާސާރ ކިޓާއި 120 ޕޮކެޓް ކިޓް ހަވާލުކޮށްފައެވެ.
އެންޑީއޭއިން ހާމަކުރި ގޮތުގައި، މި ކިޓުތަކަކީ ފެންވަރުގެ ގޮތުން ރަނގަޅު، އަދި އެއް ކިޓުން 500 ޓެސްޓް ކުރެވޭނެ ގާބިލުކަން ލިބިގެންވާ ވަސީލަތްތަކެކެވެ. މި ކިޓުތަކުގެ އެހީގައި ރާއްޖެއަށް އާންމުކޮށް އެތެރެކުރާ މަސްތުވާތަކެތީގެ 10 ބާވަތެއް ވަގުތުން ދެނެގަނެވޭނެއެވެ.
މި ވަސީލަތްތަކުގެ ސަބަބުން މަސްތުވާތަކެތި ޓެސްޓްކުރުމަށް ހޭދަވާ ވަގުތު ސަލާމަތްވެ، ނަތީޖާގެ ސައްޙަކަން ކަށަވަރުވެގެންދާނެއެވެ. އަދި އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެންޑީއޭއިން ފާހަގަކުރީ، މި ކިޓުތަކުން ލިބޭ ނަތީޖާއަކީ ޝަރުއީ މަރުހަލާގައި ގާނޫނީ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވޭނެ ފެންވަރުގެ ނަތީޖާތަކެއް ކަމެވެ.
Ads by MACL
