ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް ރައީސް މުޢިއްޒު މިއަދު އުފައްދަވައިފި
ރާއްޖޭގެ ސަރަހައްދީ ރައްކާތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓެވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި "ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް އުފައްދަވައިފިއެވެ.
މި އޮފީހަކީ ރާއްޖޭގެ ސަރަހައްދީ ބައުންޑަރީއާ ގުޅުންހުރި އެންމެހައި ކަންކަން ހަރުދަނާ ނިޒާމެއްގެ ދަށުން ވިލަރެސްކުރުމަށްޓަކައި ގާއިމުކުރެއްވި މުހިންމު އިދާރާއެކެވެ.
މިފަދަ އިދާރާއެއް އުފައްދަވާނެކަން ރައީސް އިޢުލާނުކުރައްވާފައިވަނީ މިއަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައެވެ. މި އޮފީހުގެ އެންމެ މުހިންމު އެއް މަގުސަދަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ބައުންޑަރީއާ ގުޅޭގޮތުން އުފެދޭ ޚިލާފުތައް ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ބައިނަލްއަގުވާމީ ޖަމްޢިއްޔާތަކާއެކު އިސްވެ މަސައްކަތް ކުރުމެވެ.
މީގެ އިތުރުން، ރާއްޖޭގެ ސަރަހައްދުގެ ރަސްމީ ބޭސްލައިންތަކާއި ބައުންޑަރީ ލިމިޓްތަކުގެ ކޯޑިނޭޓްތައް ބެލެހެއްޓުމާއި، ބައުންޑަރީ މެޕްތަކާއި އެކަންކަމާ ގުޅޭ ފަންނީ މައުލޫމާތު ފޯރުކޮށްދިނުމަކީ ވެސް މި އޮފީހުގެ ޒިންމާއެކެވެ.
އައު އޮފީހުގެ މަސައްކަތްތައް ޢަމަލީގޮތުން ފެއްޓެވުމަށްޓަކައި، އެ ތަނަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ވަނީ ފައްޓަވާފައެވެ.
Ads by MACL
