ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމެރިކާއިން އީރާނަށް ހަމަލާދޭން ތައްޔާރުވެއްޖެ، ހަމަލާތައް އަމާޒުކުރާނީ ކަރަންޓާއި ހަކަތަ އުފައްދާ މަރުކަޒުތަކަށް

އެމެރިކާއިން އީރާނަށް ހަމަލާދޭން ތައްޔާރުވެއްޖެ، ހަމަލާތައް އަމާޒުކުރާނީ ކަރަންޓާއި ހަކަތަ އުފައްދާ މަރުކަޒުތަކަށް

އީރާނުން ސުލްހައިގެ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިން ވަގުތުން އީރާނަށް އަސްކަރީ ހަމަލާތައް ދޭން ފަށަން ތައްޔާރަށް ތިބި ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި މިފަހަރުގެ ހަމަލާތަކަކީ ސީދާ އިރާން ސުންނާފަތި ކުރުމައްދޭ ހަމަލާތަކެއް ކަމަށެވެ.

އީރާނަށް އެއްބަސްވުމެއްގައި ސޮއިކުރުމަށް ބާރުއެޅުމުގެ ގޮތުން، އެމެރިކާގެ އަސްކަރިއްޔާއިން މިހާރު ދަނީ އީރާނަށް ވަންނަ އަދި އެ ގައުމުން ނުކުންނަ ހުރިހާ އުޅަނދުފަހަރެއް ހުއްޓުވައި ބްލޮކޭޑެއް ނުވަތަ ކަނޑުގެ ބަންދެއް ކުރިއަށް ގެންދަމުންނެވެ.

ޕެންޓަގަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވީ، އީރާނުގެ ރައްޔިތުންނަށްޓަކައި އުޖާލާ މުސްތަގުބަލެއް އިޚްތިޔާރު ކުރުމުގެ ފުރުސަތު އެ ގައުމަށް އެބައޮތް ކަމަށެވެ. ނަމަވެސް، އީރާނުން ނުބައި ގޮތެއް އިޚްތިޔާރުކޮށްފިނަމަ، އެ ގައުމުގެ އިންފްރާސްޓްރަކްޗަރާއި، ކަރަންޓާއި ހަކަތަ އުފައްދާ މަރުކަޒުތަކަށް ބޮން އަޅައި ހަލާކުކޮށްލާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

އީރާނުގެ ލީޑަރޝިޕަށް މުޚާތަބު ކުރައްވައި ހެގްސެތު އިތުރަށް ވިދާޅުވީ، މިއީ ހަމަހަމަ ހަނގުރާމައެއް ނޫން ކަމަށާއި، އީރާނުގެ އަސްކަރީ ވަސީލަތްތައް ހުރި ތަންތަނާއި އެ ތަކެތި ހަރަކާތްތެރިވާ ގޮތް އެމެރިކާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއަރމަން ޖެނެރަލް ޑެން ކޭން ވިދާޅުވި ގޮތުގައި، އެމެރިކާގެ ސިފައިން ތިބީ ކޮންމެ ވަގުތަކުވެސް ބޮޑު އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުގެ ހާލަތުގައެވެ. އަދި އީރާނުގެ ދިދަ ޖަހާފައިވާ އުޅަނދުފަހަރާއި، އީރާނަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްކުރާ ކޮންމެ އުޅަނދެއް އެމެރިކާގެ މަނަވަރުތަކުން ހުއްޓުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖެނެރަލް ކޭން ވިދާޅުވީ، މި ހަނގުރާމަ ކުރިއަށް ގެންދާނީ އީރާނުގެ ސަރަހައްދީ ކަނޑުގެ ސަރަހައްދުގައާއި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ކަމަށެވެ. އަދި މިހާތަނަށް 13 އުޅަނދަކުން މި ބްލޮކޭޑް މުގުރާލުމުގެ ބަދަލުގައި އަނބުރާ ގޮސްފައިވާ ކަމަށާއި، ނަމަވެސް އަދި އެއްވެސް އުޅަނދަކަށް ސިފައިން އަރާފައި ނުވާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

ޓްރަމްޕްގެ ސަރުކާރުން ބުދަ ދުވަހު ވަނީ އީރާނާއެކު އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ބުނެފައެވެ. އެހެންނަމަވެސް، އީރާނުން ދޫނުދީފިނަމަ އިގްތިސާދީ ގޮތުން ދޭ ޕްރެޝަރުތައް އިތުރުކުރާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.