ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގައުމީ ޖާޒީގައި ކުޅޭނެ އެންމެ ފަހު މުބާރާތައް ރޮނާލްޑޯ ތައްޔާރު!

ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މިއީ ރޮނާލްޑޯ ގައުމީ ޖާޒީގައި ކުޅޭނެ އެންމެ ފަހު މުބާރާތް
ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މިއީ ރޮނާލްޑޯ ގައުމީ ޖާޒީގައި ކުޅޭނެ އެންމެ ފަހު މުބާރާތް

ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރުގައި ވޯލްޑް ކަޕް ތަށި ހޯދުމަށް ލިބޭނެ އެންމެ ފަހު ފުރުސަތަށް އޭނާ ތައްޔާރުވާން ފަށައިފި އެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯއާއި ޕޯޗުގަލް މިފަހަރުގެ ވޯލްޑް ކަޕްގައި ހިމެނެނީ ކޮލަމްބިއާ، އުޒްބެކިސްތާން އަދި ކޮންގޯއާއެކު ގްރޫޕް ކޭގައެވެ.

ދުނިޔޭގެ މޮޅުކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯއަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮތް ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ޕޯޗުގަލްއަށް ކުޅުނު 266 މެޗުގައި 143 ލަނޑު ޖަހާފައެވެ.

މިފަހަރުގެ ވޯލްޑް ކަޕަކީ އޭނާގެ ފަހު ވޯލްޑް ކަޕްކަމަށް ރޮނާލްޑޯ ވަނީ މީގެ ކުރިން ކަށަވަރުކޮށްދީފައެވެ. އަދި މިއީ ހަ ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ ފިރިހެން ކުޅުންތެރިންގެ ޝަރަފު ރޮނާލްޑޯއާއި މެސީއަށް ލިބިގެންދާނެ މުބާރާތެކެވެ.

ގްރޫޕް ކޭގެ އެންމެ ވަރުގަދަ ޓީމަކީ ދުނިޔޭގެ ރޭންކިންގެ ފަސްވަނައިގައި އޮތް ޕޯޗުގަލްއެވެ. ރޮބާޓޯ މާޓިނޭޒްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގައި ބްރޫނޯ ފެނާންޑޭޒް ފަދަ ތަޖުރިބާކާރު ކުޅުންތެރިންނާއި ޔޮއާއޯ ނޭވްސް ފަދަ ޒުވާން ހުނަރުވެރިން ހިމެނެއެވެ. ޕޯޗުގަލްއިން މުބާރާތުގެ ފުރަތަމަ މެޗުގައި ޖޫން 17 ވަނަ ދުވަހު ހިއުސްޓަންގައި ނުކުންނާނީ ކޮންގޯއާ ދެކޮޅަށެވެ.

މި ގްރޫޕުގައި ދެން ހިމެނޭ ކޮލަމްބިއާއަކީ ރޭންކިންގެ 13 ވަނައިގައި އޮތް ޓީމެކެވެ. އެ ޓީމުގެ ކެޕްޓަން ޖޭމްސް ރޮޑްރިގޭޒް ވަނީ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ މޭޖާ ލީގު ފުޓްބޯޅައާ ގުޅިފައެވެ. ކޮލަމްބިއާގެ ފުރަތަމަ މެޗުގައި މެކްސިކޯ ސިޓީގައި ބައްދަލުކުރާނީ އުޒްބެކިސްތާނާއެވެ.

އުޒްބެކިސްތާނަށް މިއީ ތާރީހީ މުބާރާތެކެވެ. ސަބަބަކީ މިއީ އެ ގައުމުން ވޯލްޑް ކަޕެއްގައި ވާދަކުރާ ފުރަތަމަ ފަހަރަށް ވާތީއެވެ. "ވައިޓް ވުލްވްސް" ގެ ނަމުން މަޝްހޫރުވެފައިވާ މި ޓީމަށް އިރުޝާދު ދެނީ އިޓަލީގެ ފަބިއޯ ކަނަވާރޯއެވެ.

ޕޯޗުގަލްއިން މިފަހަރުގެ މުބާރާތަށް ނުކުންނައިރު، މިދިޔަ އަހަރު ކާރު އެކްސިޑެންޓެއްގައި މަރުވި ޑިއޯގޯ ޖޮޓާގެ ހަނދާންތައް އެ ޓީމާއެކު ވެއެވެ.