ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕްގެ ދަތުރުތަކުގެ ޚަރަދާއި ގުޅިގެން ނިއު ޖާޒީގެ ގަވަރުނަރަށް ފީފާގެ ރައްދު

ވޯލްޑް ކަޕްގެ ދަތުރުތަކުގެ ޚަރަދާއި ގުޅިގެން ނިއު ޖާޒީގެ ގަވަރުނަރަށް ފީފާގެ ރައްދު

މި އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ މެޗުތަކަށް ދިއުމަށް ސަޕޯޓަރުން ކުރަންޖެހޭ ދަތުރުފަތުރުގެ ޚަރަދުތައް ބޮޑުވުމާ ގުޅިގެން، އެކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިއު ޖާޒީގެ ގަވަރުނަރު މައިކީ ޝެރިލް އެދިވަޑައިގަތުމުން ފީފާއިން އެކަމަށް ރައްދު ދީފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ނިއު ޔޯކްގެ ޕެން ސްޓޭޝަނުން ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމަށް ކުރާ ރޭލު ދަތުރެއްގެ އަގު ވޯލްޑް ކަޕް ދުވަސްވަރު 100 ޑޮލަރަށްވުރެ މައްޗަށް ދާނެއެވެ. މިއީ އާންމުކޮށް މި މަގުން ދަތުރުކުރާ އަގު ކަމަށްވާ 12.90 ޑޮލަރަށްވުރެ އެތައް ގުނައެއް ބޮޑު އަދަދެކެވެ. ގަވަރުނަރު ޝެރިލް ވިދާޅުވީ، ވޯލްޑް ކަޕުން ފީފާއަށް 11 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭއިރު، ދަތުރުފަތުރުގެ ޚަރަދުތަކަށް އެންމެ ޑޮލަރެއްވެސް އެ އިދާރާއިން ޚަރަދުނުކުރާ ކަމަށެވެ.

މިކަމާ ގުޅިގެން ފީފާގެ ތަރުޖަމާނަކު ބުނީ، ގަވަރުނަރުގެ މި ވާހަކަތަކާ މެދު ހައިރާންވާ ކަމަށެވެ. ފީފާއިން ހާމަކުރި ގޮތުގައި، 2018 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގައި ސަޕޯޓަރުންނަށް ހިލޭ ދަތުރުފަތުރު ހަމަޖައްސަން އޮތް ނަމަވެސް، ސިޓީތަކަށް ކުރިމަތިވާ މާލީ ދަތިތަކަށް ރިއާޔަތްކޮށް 2023 ވަނަ އަހަރު އެ އެއްބަސްވުމަށް ވަނީ ބަދަލު ގެނެސްފައެވެ. އައު އުސޫލުގެ ދަށުން ޓިކެޓް އޮންނަ ފަރާތްތަކަށް ދަތުރުފަތުރުގެ ޚިދުމަތް ލިބޭނީ އެކަމަށް ހިނގާ އަގު ދައްކައިގެންނެވެ.

މީގެ އިތުރުން ފީފާއިން ފާހަގަކުރި ގޮތުގައި، ހޯސްޓް ސިޓީތަކުގެ ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކުރުމަށް ފެޑަރަލް ފަންޑިންގް ހޯދުމަށް އެ އިދާރާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މީގެ ކުރިން އެއްވެސް ބޮޑު ކުޅިވަރު މުބާރާތެއްގައި ނުވަތަ ކޮންސަރޓެއްގައި އިންތިޒާމުކުރާ ފަރާތުން ސަޕޯޓަރުންގެ ދަތުރުފަތުރަށް ޚަރަދުކުރަން ޖެހިފައިނުވާކަންވެސް ފީފާއިން ފާހަގަކުރިއެވެ.

ނިއު ޔޯކްގެ ގަވަރުނަރު ކެތީ ހޯކަލް ވެސް ވަނީ މިކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ކުރު ދަތުރަކަށް 100 ޑޮލަރަށްވުރެ ގިނައިން ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ވޯލްޑް ކަޕަކީ އެންމެނަށް އަތްފޯރާފަށުގައި ބޭއްވޭ މުބާރާތަކަށް ވާންޖެހޭނެ ކަމަށެވެ. މި މައްސަލަ ބޮޑުވެފައިވަނީ މެސެޗުސެޓްސްގައިވެސް ރޭލު ދަތުރުތަކުގެ އަގު 80 ޑޮލަރަށް އަދި ބަސް ދަތުރުތައް 95 ޑޮލަރަށް އުފުލިފައިވާ ދަނޑިވަޅެއްގައެވެ.