ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރުކަކުން ވެއްޓުނު މީހަކު ހާލު ސީރިއަސްވެ، ވެންޓިލޭޓަރަށް ލައިފި

ރުކަކުން ވެއްޓުނު މީހަކު ހާލު ސީރިއަސްވެ، ވެންޓިލޭޓަރަށް ލައިފި

ހދ. ކުޅުދުއްފުށީގައި 60 ވަރަކަށް ފޫޓު އުސް ރުކަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މީހަކަށް، އެ ރަށު ރީޖަނަލް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ހދ. ނޭކުރަންދޫއަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ ފިރިހެނަކަށެވެ. އޭނާ ވެއްޓުނީ ކުޅުދުއްފުށީ "ހިރަފުސް" ދަނޑުގެ އިރުމަތީ ފަރާތުގައި ހުރި ރުއްތަކެއް ސާފުކުރުމަށް އަރައި އުޅެނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ކަސްޓަމާ ސާވިސް އެންޑް ޕަބްލިކް ރިލޭޝަންސްގެ ޑިރެކްޓަރު މުހައްމަދު ހުސެއިން ވިދާޅުވި ގޮތުގައި، އެ މީހާ ހޮސްޕިޓަލަށް ގެންދެވުނީ މިއަދު ހަވީރު 3:15 ހާއިރުއެވެ. ހޮސްޕިޓަލަށް ގެނައިއިރު އޭނާގެ ވިންދު ނެތުމުން، ސީޕީއާރު (CPR) ދީގެން ވިންދު އިއާދަކުރުމަށްފަހު، މިހާރު އޮތީ ވެންޓިލޭޓަރުގެ އެހީގައެވެ.

އޭނާގެ ހާލަތު އަދިވެސް ނުހަނު ނާޒުކުކަން ފާހަގަކުރައްވައި އޮފިޝަލް ވިދާޅުވީ، އިތުރު ފަރުވާއަށް މާލޭގެ އައިޖީއެމްއެޗްގެ ޑޮކްޓަރުންނާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. ނަމަވެސް، މިވަގުތު އޭނާގެ ހާލަތު ހުރި ގޮތުން މާލެއަށް ބަދަލުކުރެވޭ ވަރަށް ވުރެ ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.