ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މެސީ ސްޕެއިނުގެ ތިންވަނަ ޑިވިޝަންގެ ކްލަބެއް ގަނެފި

ލިއޮނެލް މެސީ އިންޓަ މިއާމީގެ ޖާޒީގައި މެޗދެއްކުޅެނީ.
ލިއޮނެލް މެސީ އިންޓަ މިއާމީގެ ޖާޒީގައި މެޗދެއްކުޅެނީ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އަށް ފަހަރު ހޯދާފައިވާ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ، އޭނާގެ ކުޅިވަރު ކެރިއަރަށްފަހު ކުރިއަށް ދާނެ ގޮތުގެ ރޭވުންތަކުގެ ތެރެއިން އިސްޕޭނުގެ ތިންވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޔޫއީ ކޯނެއްލާ ގަނެފިއެވެ.

ގަލްފް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މެސީ ވަނީ މި ކްލަބުގެ 100 އިންސައްތަ ހިއްސާ ބަލައިގަނެ، ކްލަބުގެ ފުރިހަމަ ކޮންޓްރޯލް ނަގާފައެވެ.

ޔޫއީ ކޯނެއްލާ އަކީ ބާސެލޯނާގެ އަވަށްޓެރި ކޯނެއްލާ ޑި ލޮބްރެގަޓްގައި ބިނާވެފައިވާ ކެޓަލަން ކްލަބެކެވެ. މިއީ މެސީގެ ފުޓްބޯޅަ ހަޔާތުގެ ބޮޑުބައި ހޭދަކުރި ބާސެލޯނާއާ ވަރަށް ކައިރި ސަރަހައްދެކެވެ.

1951 ވަނަ އަހަރު އުފެދުނު މި ކްލަބަކީ ގިނަ ދުވަސްތަކެއް ވަންދެން ސްޕޭނުގެ ދަށް ޑިވިޝަންތަކުގައި ކުޅެމުން އަންނަ ސެމީ-ޕްރޮފެޝަނަލް ކްލަބެކެވެ.

މެސީ މި ކްލަބް ގަތްކަން އިއުލާންކޮށް ކްލަބުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، މެސީ ކްލަބާ ހަވާލުވުމަކީ ކޯނެއްލާގެ ތާރީޚުގައި އާ ބާބެއްގެ ފެށުން ކަމަށެވެ. އަދި މިއީ ކެޓަލޯނިއާގެ ކުޅިވަރާއި ހުނަރުވެރި ކުޅުންތެރިން ކުރިއެރުވުމަށް މެސީ ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، މެސީގެ މި ނިންމުމުގެ ސަބަބުން ކްލަބުގެ ބިންގާ އިތުރަށް ވަރުގަދަވެ، ދުރު ރާސްތާގެ ލަނޑުދަނޑިތަކެއް ހާސިލްކުރުމަށް މަގުފަހިވާނެ ކަމަށް ކްލަބުން ގަބޫލުކުރެއެވެ.

މެސީ ކްލަބްގެ ވެރިއަކަށް ވުމަކީ، އޭނާ މިހާރު ކުޅެމުންދާ އިންޓަ މިއާމީގެ ވެރިޔާ ޑޭވިޑް ބެކަމް ފަދަ މަޝްހޫރު ކުޅުންތެރިން އިޚްތިޔާރުކޮށްފައިވާ މަގެކެވެ.

މެސީއާ އެންމެ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯވެސް ވަނީ އިސްޕޭނުގެ ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޔޫޑީ އަލްމޭރިއާގެ 25 އިންސައްތަ ހިއްސާ ދާދި ފަހުން ގަނެފައެވެ. ނަމަވެސް މެސީ ވަނީ މުޅި ކްލަބުގެ ފުރިހަމަ މިލްކުވެރިކަން ހޯދާފައެވެ.