ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންތިޚާބުން ލިބުނު މެސެޖު ވަރަށް ސާފު؛ ބުނީ ސަރުކާރަށް ރައްޔިތުންގެ ފުރިހަމަ ތާއީދު އެބައޮތޭ: ޝުޖާއު

އިންތިޚާބުން ލިބުނު މެސެޖު ވަރަށް ސާފު؛ ބުނީ ސަރުކާރަށް ރައްޔިތުންގެ ފުރިހަމަ ތާއީދު އެބައޮތޭ: ޝުޖާއު

މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުނު ލޯކަޕް ކައުންސިލް އިންތީޚާބުގެ ނަތީޖާއިން ރައްޔިތުން ދެއްވި މެސެޖު ވަރަށް ސާފުކަމަށާއި އެގޮތުން މި ސަރުކާރަށް ރައްޔިތުންގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކޮށްފީފައިވާ ކަމަށް ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވީ، ހއ. އުތީމު ކައުންސިލްގެ އިލެކްޝަންގައި ވެރިކަން ކުރާ ޕީއެންސީއަށް ފުރިހަމަ އަގުލަބިއްޔަތެއް ލިބުން ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނިމިދިޔަ އިންތިހާބުތަކުން ސަރުކާރަށް މުހިންމު ފިލާވަޅުތަކެއް ލިބިފައިވާ ކަން ފާހަގަކުރައްވައި މި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުން އެދޭ ގޮތަށް، އެ މިސްރާބުން ކަމަށެވެ.

ޝުޖާއު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުންނާ ގާތުން، ރައްޔިތުންގެ ވިންދާއި އިހުސާސްތަކާ އެއްގޮތަށް ވެރިކަން ކުރައްވަމުން ގެންދަވާ ލީޑަރެއް ކަމަށެވެ. އަދި ނިމިދިޔަ ކައުންސިލް އިންތިހާބުތަކުން ރައްޔިތުން ދިން މެސެޖަކީ ސަރުކާރަށް ތާއީދު އޮތްކަން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ރައްޔިތުން އަޅުގަނޑުމެން ގާތުގައި ވިދާޅުވީ، އަޅުގަނޑުމެންނަށް ދެއްވި މެސެޖަކީ، ނިމިދިޔަ ކައުންސިލް އިންތިހާބުގައި ތާއީދު އެބައޮތޭ،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ ދިވެހި ރައްޔިތުންގެ ތާއީދު އޮތީ ޕީއެންސީގެ ސިޔާސަތުތަކަށް ކަމަށާއި، ނަމަވެސް 2028 ވަނަ އަހަރާ ހަމައަށް ދާއިރު ސަރުކާރުން އިސްލާހުކުރަންޖެހޭ ކަންކަން ހުރިކަން ރައީސް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި ސަރުކާރު ހިންގުމުގައި ގެންނަންޖެހޭ ބަދަލުތައް އިހްލާސްތެރިކަމާއެކު ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ބަދަލު ގެންނަން ބޭނުންވާ ސިޔާސަތެއް ނުވަތަ ގާނޫނެއް އޮތް ނަމަ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން 24 ގަޑިއިރު ނުނިދާ ހޭލާ ތިބެގެން ނަމަވެސް، ދިވެހި ރައްޔިތުންގެ ހައްގުގައި އެ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ކުރީގެ ވެރިކަންތަކަށް ފާޑުވިދާޅުވަމުން ޝުޖާއު ވިދާޅުވީ، މީގެ ކުރިން ފެނިގެންދިޔައީ އިންތިހާބެއްގެ ނަތީޖާ ލިބުމުން ރުޅިގަދަވެ މީހުން ޖަލަށްލި ރައީސެއް ކަމަށެވެ. ބެލެވޭ ގޮތުގައި ޝުޖާއު މި ބަސް ރައްދުކުރެއްވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ދެ އަހަރު ސަރުކާރުން ކުރި އެންމެ ބޮޑު މަސައްކަތަކީ އެމްޑީޕީ އާއި އޭގެ ކުރީ ސަރުކާރުތަކުން ގައުމު ވައްޓާލާފައި އޮތް ދަރަނީގެ އަނދަވަޅުން ސަލާމަތްކުރުމެވެ. އެގޮތުން، ކައުންސިލް އިންތިހާބަށް އެންމެ ތިން ދުވަހަށް ވެފައި އިންދާ، ނިމިދިޔަ ސަރުކާރުން ނެގި ބޮޑު ލޯނަކަށް ފައިސާ ދެއްކިކަން އޭނާ ހަނދާންކޮށްދެއްވި އެވެ. ރައީސް ޑރ. މުއިއްޒު ގައުމު ސަލާމަތްކޮށްދެއްވަނީ ވަރަށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ކަމަށް ވިދާޅުވެ ޝުޖާއު ވަނީ ރައީސަށް ތައުރީފު ކުރައްވާފަ އެވެ.