ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އުމްރާވެރިން ގޮވައިގެން އައްޑޫން ސީދާ ސައުދީއަށް ދަތުރެއް ކުރަނީ

ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މޯލްޑިވިއަންގެ މަތިންދާބޯޓެއް ޖައްސާފައި -- ފޮޓޯ: މޯލްޑިވިއަން
ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މޯލްޑިވިއަންގެ މަތިންދާބޯޓެއް ޖައްސާފައި -- ފޮޓޯ: މޯލްޑިވިއަން

އުމްރާވެރިން ގޮވައިގެން އައްޑޫން ސީދާ ސައުދީ އަރަބިއްޔާއަށް ތާރީޚީ ދަތުރެއް ކުރުމަށް ހަމަޖެހިއްޖެއެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި ވެސް މައި އެއާޕޯޓު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފިޔަވައި އެހެން އެއާޕޯޓަކުން، ސީދާ ގަމުން އުމްރާގެ މާތް އަޅުކަމަށް ފުރާ ފުރަތަމަ ފަހަރެވެ.

އުމްރާގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށްވާ "ދަ ޓްރެވެލާ" އިން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، މި ފުރަތަމަ ދަތުރު ބާއްވަން ނިންމާފައިވަނީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއާ ގުޅިގެންނެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސީދާ ސައުދީގެ ޖިއްދާއަށް ކުރާ މި ދަތުރުގެ ސަބަބުން ދަތުރުގެ ވަގުތު ސަލާމަތްވެ، މައްކާ އާއި މަދީނާއަށް ދިއުމުގެ މަގު ދެކުނުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަވެ، ކައިރިވެގެންދާނެ ކަމަށް އެ އެޖެންސީން ވަނީ ފާހަގަކޮށްފައެވެ.

އަންނަ ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ޚާއްސަ ދަތުރުގައި ބޭނުންކުރާނީ މޯލްޑިވިއަންގެ ވައިޑް ބޮޑީ ބޯޓެއް ކަމަށްވާ އޭ330 މަރުކާގެ ބޯޓެކެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ، މިއީ "ދަ ޓްރެވެލާ" ގެ އެދުމަކަށް ޚާއްސަކޮށްގެން ބާއްވާ ޗާޓަރު ފްލައިޓެއް ކަމަށެވެ.

މި ފްލައިޓުގައި އެއްފަހަރާ 264 މީހުންނަށް ދަތުރުކުރެވޭނެއެވެ. އަދި އާންމު އުސޫލުން އުމްރާވެރިންނަށް ދޫކުރާ 46 ކިލޯގެ ލަގެޖު އެލަވަންސް މި ދަތުރުގައި ބައިވެރިވާ ފަރާތްތަކަށް ވެސް ލިބޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން މައުލޫމާތުދެއެވެ.

މި ތާރީޚީ ދަތުރުގައި ބައިވެރިވުމަށް ވަރަށް އަވަހަށް ބުކިންގ އަށް ހުޅުވާލާނެ ކަމަށް "ދަ ޓްރެވެލާ" އިން ވަނީ ބުނެފައެވެ.