އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް) ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅަކާ އެއްގޮތަށް ކުރިއަށްދާ މަޝްރޫޢެކެވެ. ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ހޮސްޕިޓަލުގެ ސީއީއޯ އަޙްމަދު އަޝްރަފް ވިދާޅުވީ، ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމުގެ އިތުރުން ފަންނީ މުވައްޒަފުން ހޯދުމުގެ މަސައްކަތްވެސް އެއްފަހަރާ، އެކުއެކީގައި ކުރިއަށްދާ ކަމަށެވެ.
ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ ތެރެއިން މިއަހަރު ވަނީ މުހިންމު އައު ޚިދުމަތްތަކެއްވެސް ތަޢާރަފްކޮށްފައެވެ. އެގޮތުން ހިތުގެ ބަލިތަކާއި ކިޑްނީގެ ބަލިތަކަށް ފަރުވާދޭނެ ޚާއްޞަ ޑޮކްޓަރުން މިހާރު ގެނެސްފައިވާއިރު، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ސިކުނޑިއާއި ނާރުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތްވެސް ފެށޭނެކަމަށް އަޝްރަފް ވިދާޅުވިއެވެ.
މި އައު ޚިދުމަތްތަކާއެކު، ސިއްޙީ ފަރުވާއަށް މާލެ ދާންޖެހޭ ނިސްބަތް މަދުވެ، ތިނަދޫ އަދި އެ ސަރަޙައްދުގެ ރައްޔިތުންގެ ޖީބުން ކުރަންޖެހޭ ހޭދަ ވަރަށް ބޮޑަށް ކުޑަކުރެވިފައިވާކަން ސީއީއޯ ފާހަގަކުރެއްވިއެވެ. އެއީ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އޭއެސްއެމްއެޗްގައި ޑަޔަލިސިސް ހަދާ 18 މީހަކު ރަޖިސްޓްރީވެފައިވާއިރު، މަހެއްގެ މައްޗަށް 150 ވަރަކަށް ސެޝަން ކުރިއަށް ގެންދެއެވެ. އެހެންކަމުން ކިޑްނީގެ ޚާއްޞަ ޑޮކްޓަރެއް ހޮސްޕިޓަލުގައި ހުރުމަކީ މި ބަލިމީހުންނަށް ލިބިގެންދިޔަ ނުހަނު ބޮޑު ލުޔެއްކަމަށް ހޮސްޕިޓަލުން ބުނެއެވެ.
ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ހޮސްޕިޓަލަށް ބޭނުންވާ އިތުރު މެޝިނަރީޒްތައް ގެނެވި، ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް މިހާރު ވަނީ ރޭވިފައެވެ.
Ads by MACL
