ސީވީއެފްގެ ދައުރު ނިންމަވާލެއްވުމަށްފަހު، ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި
ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އަދާކުރައްވަމުން ގެންދެވި ޒިންމާތައް ނިންމަވާލެއްވުމަށްފަހު، ރާއްޖޭގެ ސިޔާސީ މައިދާނުގައި އަލުން ހަރަކާތްތެރިވެވަޑައިގަތުމުގެ މަގުސަދުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
އެމަނިކުފާނު މާލެ ފައިބާވަޑައިގަތީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. ރާއްޖެ ވަޑައިގަތުމުގެ ކުރިން ރޭގެ ވަގުތެއްގައި ނަޝީދު ވަނީ އެމަނިކުފާނު ގެންގުޅުއްވާ ނުރަސްމީ އެކްސް އެކައުންޓަކުން، އެންމެން އެނބުރި "ހާއްޔަށް" އައުމަށް ގޮވާލައްވައި ސިޔާސީ މެސެޖެއް ދެއްވާފައެވެ. އަދި އޭގެ އިތުރުން، އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގްރޫޕުގައި، ކުރިއަށް އޮތް ތަނުގައި އިދިކޮޅު ހަރަކާތްތައް ވަރުގަދަކުރުމުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައިވެއެވެ.
ނަޝީދު އަލުން ސިޔާސީ މަސައްކަތަށް ނުކުމެވަޑައިގަންނަވާއިރު، ރާއްޖޭގެ ސިޔާސީ މަސްރަހު އޮތީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. ހާއްސަކޮށް މިދިޔަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން، އިންތިހާބުތައް އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ނެގި ފެންނަ ނުފެން ވޯޓުން ސަރުކާރަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއާ ގުޅިގެން، އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރާ ދެކޮޅަށް ސިލްސިލާ އިހުތިޖާޖުތަކެއްކޮށް ގިނަ ޑިމާންޑުތަކެއް ކުރަމުންނެވެ.
Ads by BMLރާއްޖޭގެ ސިޔާސީ ކަންކަމާ ވަގުތީގޮތުން ދުރަށް ވަޑައިގަތުމަށްފަހު، ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ނަޝީދު ހަވާލުވެވަޑައިގަތީ 2024 ވަނަ އަހަރުގެ ޖެނުއަރީ 1 ގައެވެ. ނަޝީދުގެ އިސްނެންގެވުމުގެ މަތިން 2009 ވަނަ އަހަރު އުފެއްދި މި ޖަމިއްޔާގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވުމުގެ ޝަރަފު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާއިރު، އެންމެ 9 ގައުމަކާއެކު ފެށި މި ޖަމިއްޔާގައި މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 68 ގައުމެއް ބައިވެރިވެއެވެ.
އެ މަގާމުގައި ހުންނަވައިގެން ނަޝީދު ކުރެއްވި މުހިންމު މަސައްކަތްޕުޅުތަކަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ ބޮޑު ތައުރީފެއް ކޮށްފައެވެ. އެގޮތުން، މިދިޔަ އަންގާރަ ދުވަހު އެމެރިކާގެ ވޮޝިންޓަންގައި ބޭއްވި ސީވީއެފް އަދި ވީ20 ގެ ގަވާނިން ބޯޑު ބައްދަލުވުމުގައި، މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކުގެ ހައްގުގައި ބައިނަލްއަގުވާމީ މައިދާނުގައި އަޑުއުފުއްލަވައި، މޫސުމީ އިންސާފު ހޯއްދަވައިދެއްވުމަށް ނަޝީދު ކުރެއްވި ވަކާލާތުތައް ބޯޑު މެންބަރުން ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ.
Ads by MACL
