500 މުވައްޒަފުން ވަކިކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކޮށްފި
ސަރުކާރުގެ އެކި ވުޒާރާތަކާއި އޮފީސްތަކުގައި ވަޒީފާއަދާކުރާ 500 އެއްހާ މުވައްޒަފުން ވަޒީފާއިން ވަކިކުރަން އުޅޭކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދާ އަޑުތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
"އެމްއެމްޓީވީ" އަށް މައުލޫމާތު ދެއްވަމުން މުންދު ވިދާޅުވީ، ސަރުކާރު މުވައްޒަފުންގެ ފެންވަރު ވަޒަންކުރުމަށް ހަދާ އެނުއަލް އެސެސްމަންޓްތަކަކީ މި ސަރުކާރު ވެރިކަމާ ހަވާލުވީއްސުރެ ގަވާއިދުން ކުރިއަށް ގެންދާ ކަމެއް ކަމަށެވެ. އަދި މިހާރު އޮފީސްތަކުގައި ކުރިއަށްދާ ކަންކަމަކީވެސް ހަމަ އެ އުސޫލުގެ މަތިން ހިނގަމުންދާ ކަންތައްތަކެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރު ހިންގުމުގެ އޮނިގަނޑަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ބައެއް މުއައްސަސާތަކުގެ ބެލެނިވެރިކަން އެހެން ވުޒާރާތަކަށް ބަދަލުވެފައިވާކަން ފާހަގަކުރައްވައި، މުންދު ވިދާޅުވީ މި އެސެސްމަންޓްތަކުގެ މައިގަނޑު އެއް ބޭނުމަކީ މުވައްޒަފުންގެ ހުނަރާއި ގާބިލުކަމާ އެންމެ ގުޅޭ، އުފެއްދުންތެރި މަސައްކަތެއް ކުރެވޭނެ އޮފީސްތަކަށް އެ ފަރާތްތައް ބަދަލުކުރުން ކަމަށެވެ.
މީގެ އިތުރުން، މިކަމަކީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ތަންފީޒުކުރާ މާލީ ސިޔާސަތެއްގެ ދަށުން ކުރާ ކަމެއް ނޫންކަމަށް އޭނާ ކަށަވަރުކޮށްދެއްވިއެވެ. އޭގެ ބަދަލުގައި، މިއީ ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދީ، ރައްޔިތުން އެދޭފަދަ ނަތީޖާއެއް ނެރެދިނުމުގެ މަގުސަދުގައި ސަރުކާރުން ކުރިއަށްގެންދާ މަސައްކަތެއްކަމަށް މުންދު ވަނީ ވިދާޅުވެފައެވެ.
Ads by MACL
