ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާނުން ހޮރްމުޒް ކަނޑުއޮޅި ވިޔަފާރި އުޅަނދުތަކަށް އެއްކޮށް ހުޅުވާލައިފި

ކަނޑުއޮޅި ހުޅުވާލި ނަމަވެސް ހުރަސްކޮށް އުޅަނދުތައް ދަތުރުކުރަން ޖެހޭނީ އީރާނުގެ ޕޯޓްސް އެންޑް މެރިޓައިމް އޯގަނައިޒޭޝަނުން ކަނޑައަޅައި، ކުރިން އިއުލާނުކޮށްފައިވާ ޚާއްސަ ރޫޓަކުން --- ފޮޓޯ: ރޮއިޓާސް
ކަނޑުއޮޅި ހުޅުވާލި ނަމަވެސް ހުރަސްކޮށް އުޅަނދުތައް ދަތުރުކުރަން ޖެހޭނީ އީރާނުގެ ޕޯޓްސް އެންޑް މެރިޓައިމް އޯގަނައިޒޭޝަނުން ކަނޑައަޅައި، ކުރިން އިއުލާނުކޮށްފައިވާ ޚާއްސަ ރޫޓަކުން --- ފޮޓޯ: ރޮއިޓާސް

މެދުއިރުމަތީގައި އިއުލާނުކޮށްފައިވާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު، ދުނިޔޭގެ ވިޔަފާރިއަށް ނުހަނު މުހިންމު ހޮރްމުޒް ކަނޑުއޮޅި ހުރިހާ ވިޔަފާރި އުޅަނދުތަކަށް އީރާނުން އެއްކޮށް ހުޅުވާލައިފިއެވެ.

މިކަން ހާމަކުރައްވައި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ މީސްމީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލުބުނާނުގެ ސީޒްފަޔާ އެއްބަސްވުމުގެ މުއްދަތު ހަމަވަންދެން، އެއްވެސް ހުރަހަކާ ނުލައި ވިޔަފާރި ބޯޓުފަހަރަށް އެ ކަނޑުއޮޅިން ދަތުރުކުރުމުގެ ފުރުސަތު މިހާރު ފަހިވެފައިވާ ކަމަށެވެ.

އެހެންނަމަވެސް، ކަނޑުއޮޅި ހުރަސްކޮށް އުޅަނދުތައް ދަތުރުކުރަން ޖެހޭނީ އީރާނުގެ ޕޯޓްސް އެންޑް މެރިޓައިމް އޯގަނައިޒޭޝަނުން ކަނޑައަޅައި، ކުރިން އިއުލާނުކޮށްފައިވާ ޚާއްސަ ރޫޓަކުން ކަމަށް އަރަގްޗީ ވަނީ ފާހަގަކުރައްވާފައެވެ.

އީރާނުގެ މި ނިންމުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މީސްމީޑިއާގައި އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. ޓްރަމްޕްގެ ޕޯސްޓުގައި، ހޮރްމުޒް ކަނޑުއޮޅި އެއްކޮށް ހުޅުވިފައި އޮތްކަން ކަށަވަރުކޮށްދެއްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައިވެއެވެ.