ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުކުރު ވަގުތު 8 އަހަރުގެ ކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަނީ

ހުކުރު ވަގުތު 8 އަހަރުގެ ކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަނީ

ހުކުރު ނަމާދު ވަގުތާ ދިމާކޮށް، އުމުރުން އެންމެ 8 އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ، އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގު ދިވެހި ފުލުހުން ފަށައިފިއެވެ.

މީސްމީޑިއާގައި މިހާރު އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ ކުޑަކުއްޖާ ހުރީ ފުރަގަހަށް ދެއަތްއެއްކޮށް ގަހެއްގައި އައްސާފައެވެ. އަދި އަމިއްލައަށް އެކަމުން ސަލާމަތްވުމަށް އެ ކުއްޖާ މަސައްކަތްކުރާ ހިތްދަތި މަންޒަރު ފެންނައިރު، ވީޑިއޯގެ ބެކްގްރައުންޑުން ހުކުރު ޚުތުބާ ކިޔާ އަޑު އިވެމުންދެއެވެ. އެހެންކަމުން މިއީ މިއަދުގެ ހުކުރު ވަގުތު ހިނގާފައިވާ އަމަލެއްކަން ކަށަވަރުވެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވިދާޅުވީ، އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި ހިނގި މި އަމަލު އެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު 13:10 ހާއިރު ކަމަށެވެ. ކުއްޖާގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ހިންގާފައިވާ މި އަމަލާ ގުޅިގެން، ކަމާގުޅުންހުރި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

ކުޑަކުއްޖަކާމެދު ހިންގި މި އަނިޔާވެރި އަމަލުގެ ވީޑިއޯ އާންމުވުމާއެކު، ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި މިކަން ވަރަށް ބޮޑަށް ކުށްވެރިކޮށް، ކުށްވެރިންނަށް ހައްގު އަދަބު ދިނުމަށް ގޮވާލަމުންނެވެ.